ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސުޕްރީމް ކޮމާންޑަރު އޮފް ދަ އާމްޑް ފޯސަސް އަދި އަބޫދާބީގެ ވަލީ އަހުދު، ޝައިހު މުހައްމަދު ބިން ޒާއިދު އަލް ނަހްޔާން އާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް ޔޫއޭއީއަށް ވަޑައިގެން އުޅުއްވަނީ ނުރަސްމީ ދަތުރުފުޅެއްގައި އެވެ. މިދިޔަ ހޮނިހިރު ދުވަހު ފެއްޓެވި މި ދަތުރުފުޅު ނިންމަވާލެއްވުމަށް ރައީސް ސޯލިހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އަބޫދާބީގެ ވަލީއަހުގެ ގަނޑުވަރުގައި މިއަދު ހެނދުނު ބޭއްވެވި އެ ބައްލުވުމުގައި، ކޯވިޑް-19 ގެ ބަލިމަޑުކަމާ އެކު ދެ ގައުމުގެ ހާލަތު ދެ ބޭފުޅުން އޮޅުންފިލުއްވި ކަމަށެވެ. މި ބައްދަލުވުމުގައި ކޯވިޑް-19 ކޮންޓްރޯލްކުރަން ގައުމުތަކުން ކުރަމުން އަންނަ މަސައްކަތުގައި ޔޫއޭއީން ދައްކަމުން އަންނަ ލީޑަޝިޕަށް ތައުރީފު ކުރައްވައި އެ މަސައްކަތުގައި ޔޫއޭއީން ޓެކްނޮލޮޖީ ބޭނުންކުރާ ގޮތަށް އެމަނިކުފާނު ތައުރީފު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ޔޫއޭއީގެ އެހީގައި ރާއްޖޭގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް ރައީސާއި ވަލީ އަހުދު މަޝްވަރާކުރެއްވި އެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) މެދުވެރިކޮށް ރާއްޖޭގެ މަޝްރޫއުތަކަށް އެހީތެެރިވެދޭތީ އެކަމުގެ އަގު ވަަޒަންކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުންނާއި އެއްބާރުލުން އިތުރުކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުވުމުގައި މިހާރު ރާއްޖެއަށް އެހީދެމުންދާ ދާއިރާތަކުގެ ތެރެއިން ވަކިން ހާއްސަކޮށް މަސްވެރިކަމާއި ކާނާގެ ރައްކާތެރިކަމާއި ޓްރާންސްޕޯޓް އަދި ޓޫރިޒަމް ދާއިރާއިން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވެދޭނެކަމުގެ ޔަގީން ވަލީއަހުދު ދެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
1970 ވަނަ އަހަރުން ފެށިގެން ޔުއޭއީއިން ދަނީ ރާއްޖެގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަަޝްރޫއާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އެގައުމުން މިފަހުން އެންމެ ބޮޑަށް އެހީވި ދެމަޝްރޫއެވެ. ރާއްޖޭގެ ބަޖެޓް ސަޕޯޓަށް 50 މިލިޔަން ޑޮލަރުގެ ހިލޭއެހީއެއް ދިނުމުގެ އެމްއޯޔޫއެއްގައި ވަނީ މިދިޔަ މާޗް މަހު ސޮއިކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް