ރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަން ކަނޑައެޅި ތާރީހު އަނެއްކާވެސް ފަސް ކުރަން ޖެހުމުން އިދިކޮޅު ސިޔާސީ ޕާޓީތަކުން ރުޅިގަދަވެއްޖެ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ހާލަތު އުވާލާފައި ނުވާއިރު މިދިޔަ އަހަރުގެ އޭޕްރިލް ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ކައުންސިލް އިންތިހާބު ކެންސަލް ކުރުމަށް ފަހު ފަހުން ބާއްވަން ހަމަޖައްސާފައި އޮތީ އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހު އެވެ.
އެކަމަކު މިދިޔަ މަހު މުއްދަތު އިތުރު ކުރި ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ހަމަވުމުން އަނެއްކާވެސް އެޗްޕީއޭއިން ވަނީ މުއްދަތު އިތުރުކޮށްފައި އެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުން ވަނީ މާޗް މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނެފައި އެވެ.
މިކަމާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކޮށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވަނީ ސްކޫލްތައް ހުޅުވާއިރު އިންތިހާބު ނުބޭއްވެނީ ކީއްވެތޯ ސުވާލު ކުރައްވާފައި އެވެ. ޝުޖާއު ވަނީ އެޗްޕީއޭގެ ބޭފުޅުން "ހަމަ" ތޯވެސް ސުވާލު ކުރައްވާފައި އެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކައުންސިލް އިންތިހާބު ބާއްވަން ކެރިވަޑައިނުގެންނަވާ ވައްތަރު ޖަހާ ކަމަށެވެ.
https://twitter.com/shuja3831/status/1346060310428274689
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ކައުންސިލް އިންތިހާބު ފަސް ކުރަނީ ސަރުކާރުން ރާވައިގެން ގަސްދުގައި ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބު ބާއްވައިފި ނަމަ ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާނެ ކަމަށެވެ.
އިތުރަށް ވިދާޅުވީ އިންތިހާބު ފަސްކުރިޔަސް ރައްޔިތުންގެ ފިކުރު ބަދަލު ނުވާނެ ކަމަށާއި ރައްޔިތުން ތިބީ ސަރުކާރުގެ އަމަލުތަކާއި ހެދި މާޔޫސްވެފައި ކަމަށެވެ.
https://twitter.com/Adamshareefz/status/1346049364121161728
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް