ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މާރިޗުމަހުގައި ނުބޭއްވޭނެކަން ކަށަވަރުވެއްޖެއެވެ.
މިކަން ކަށަވަރުވެފައިމިވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް، މި ދެ އިންތިހާބު މާޗުގައި ބޭއްވުމާއިމެދު ކުރިން ވިދާޅުވެފައިވާ ގޮތުންނެވެ.
އޭނާ ވިދާޅުވެފައިވަނީ މާރިޗް ހައެއްގައި އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިނަމަ ކަމަށެވެ. ނަމަވެސް އެ ހާލަތު އުވާލާފައެއް ނުވެއެވެ.
ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ މި ކަމާއި ގުޅޭގޮތުން ކޮމިޝަނުން ނިންމާ ގޮތެއް އަންނަ ބުދަ ދުވަހު ހާމަކުރާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ޝެޑިއުލްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް ކޮވިޑު ހާލަތާއި ގުޅިގެން އިންތިހާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސް ކޮށްފައެވެ. އަދި މިހާރު ތިބި ކައުންސިލަރުން، އިންތިހާބެއް ބޭއްވެންދެން ތިބޭނެ ގޮތަށް ގާނޫނު ވަނީ ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް