ކޯވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވި ފަހުން އިއްޔެގެ ނިޔަލަށް 131 ޓޫރިސްޓު ރިސޯޓުގެ އޮޕަރޭޝަންސް ފެށުމުގެ ހުއްދަ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން އެންމެ ގިނަ ރިސޯޓު އަލުން ހުޅުވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެ މަހު 30 ރިސޯޓެއްގެ އޮޕަރޭޝަންސް އަލުން ފަށާފައިވެ އެވެ.
131 ރިސޯޓު އަލުން ހުޅުވުމުގެ ހުއްދަ ދިން ނަމަވެސް ޖުމްލަ 140 ރިސޯޓު ރާއްޖޭގައި މިވަގުތު އޮޕަރޭޓް ކުރަމުން ދެއެވެ. ގޭ ތެރެއިން ނުވަ ރިސޯޓަކީ ކޯވިޑާއި ގުޅިގެން އޮޕަރޭޝަންސްތައް ހުއްޓާނުލައި ކުރިޔަށް ގެންދިޔަ ރިސޯޓުތަކެވެ.
އޭގެ ތެރޭގައި ހިމެނެނީ ވިލާ ޕްރައިވެޓް އައިލެންޑް، ލިލީ ބީޗް ރިސޯޓު، ލަކްސް ނޯތް މާލެ، ފޯސީޒަންސް ވޯވައް، ފޯސީޒަންސް ލަނޑާ ގިރާވަރު، އޮބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި އެވެ. އަދި ސޮނެވާ ފުށި ރިސޯޓު، އަންސާނާ ރިސޯޓުގެ އިތުރުން ވަރު އައިލެންޑް ރިސޯޓަކީ ކޯވިޑުގެ ހާލަތުގައިވެސް ބަންދު ނުކޮށް އޮޕަރޭޝަންސްތައް ކުރިޔަށް ގެންދިޔަ ރިސޯޓުތަކެވެ.
މިއަހަރު އަދި ހުއްދަ ދީފައިވަނީ އެންމެ ރިސޯޓަކަށެވެ. އެއީ ޅ. އަތޮޅުގައި ހިންގާ އިންނަހުރާ މޯލްޑިވްސް ރިސޯޓަށެވެ. އެ ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ގައި އެވެ.
މިހާރު އޮޕަރޭޝަންސްތައް ކުރިޔަށްދާ ރިސޯޓުތަކުގައި 32،512 އެނދު އެބަހުއްޓެވެ.
ޓޫރިސްޓުންނަށް ހިދުމަތްދޭ އެހެން ތަންތަނަށް ބަލާއިރު ބޯޑަރު ހުޅުވި ފަހުން ދެ ޔޮޓް މެރީނާއަކަށް އޮޕަރޭޝަންސް ފެށުމުގެ ހުއްދަ ދީފައިވާއިރު 133 ސަފާރީއަކަށް ހުއްދަ ދީފައިވެ އެވެ.
މާލެ ސަރަހައްދާއި އަތޮޅުތަކުގައި ހިންގާ 11 ހޮޓަލަކަށް ހުއްދަދީފައިވެ އެވެ. އަދި މާލެ އާއި އަތޮޅު ތެރޭގައި ހިންގާ 259 ގެސްޓު ހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް