މޮރިޝަސް އިން ޗައިނާ ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލު ކުރަން ފަށައިފި

މޮރިޝަސް އިން ޗައިނާ އާއި އެކު އެކުލަވާލާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލު ކުރަން ފަށައިފި އެވެ. މިއީ އިންޑިއާ ކަނޑުގައި ހިމެނޭ އެފްރިކާގެ ގައުމަކާއި އެކު ޗައިނާއިން ފްރީ ޓްރޭޑް އެގްރިމެންޓް ގާ...

04 Jan 2021 | 08:54

މޮރިޝަސް އިން ޗައިނާ އާއި އެކު އެކުލަވާލާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލު ކުރަން ފަށައިފި އެވެ.

މިއީ އިންޑިއާ ކަނޑުގައި ހިމެނޭ އެފްރިކާގެ ގައުމަކާއި އެކު ޗައިނާއިން ފްރީ ޓްރޭޑް އެގްރިމެންޓް ގާއިމް ކުރި ފުރަތަމަ ފަހަރެވެ.

މި އެއްބަސްވުމުގެ ދަށުން ޗައިނާއަށް އެކްސްޕޯޓު ކުރާ މޮރިޝަންގެ 8،500 އަށްވުރެ ގިނަ އުފެއްދުމުގެ ޑިއުޓީ މާފު ކުރެވޭނެ އެވެ. މޮރިޝަސްގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބާވަތްތަކުގެ ޑިއުޓީގެ 96 ޕަސެންޓު ހަތް އަހަރު ތެރޭގައި މާފު ކުރެވޭނެ އެވެ.

ޑިއުޓީ މާފުކުރާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ މޮރިޝަސްގައި އުފައްދާ، މަހުގެ ބާވަތްތަކާއި، ތާޒާ މޭވާ، ބިސްކޯދު، ޖޫހުގެ ބާވަތްތައް އަދި ފެނާއި، ފޮތީގެ ބާވަތްތަކާއި ގަޑި އެވެ. މީގެ އިތުރުންވެސް ޑިއުޓީ މާފުކޮށްދޭ ތަކެތީގެ ތެރޭގައި މޮރިޝަސްގެ އަމިއްލަ އުފެއްދުންތައް ހިމެނެ އެވެ.

މި އެއްބަސްވުމުގެ ދަށުން މޮރިޝަސްގެ ވިޔަފާރިވެރިންނަށް ޗައިނާގެ ވިޔަފާރީގެ މާކެޓް ފުޅާ ދާއިރާއެއްގައި ހުޅުވޭނެ ކަމަށް އެ ގައުމުގެ ފޮރިން މިިނިސްޓްރީ އާއި ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ. މީގެ ކުރިން ޗައިނާގެ މުދާ އެގައުމަށް އެތެރެ ކުރެވުނު ނަމަވެސް މޮރިޝަސްގެ އުފެއްދުންތައް ޗައިނާގެ މާކެޓަށް އެކްސްޕޯޓު ކުރުމަކީ އުނދަގޫ ކަމެކެވެ.

ޗައިނާ ފްރީ ޓްރޭޑް އެގްރިމެންޓާއި ރާއްޖޭގެ ބައެއް ފަރާތްތަކުން ދެކޮޅު ފަދައިން އެ ގައުމުގައިވެސް މި އެއްބަސްވުމާއި ދެކޮޅު ނުފޫޒުގަދަ ފަރާތްތަކާއި ސިޔާސީ ފަރާތްތައް ހިމެނެ އެވެ. އެ ފަރާތްތަކުން ގަބޫލު ކުރާގޮތުގައި މި އެއްބަސްވުމަށް އަމަލު ކުރަން ފަށާތާ ހަތް ވަރަކަށް އަހަރު ތެރޭގައި ފެންނާނީ އެފްރިކާ ތެރެއަށް ވަނުމަށް ޗައިނާއިން ބޭނުންކުރާ ފާލަމަކަށް މޮރިޝަސް ވާތަން ކަމަށެވެ.

ޗައިނާ އާއި މޮރިޝަސް އާއި ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓުގައި ސޮއި ކުރީ 2019 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް