ކޯވިޑް-19 ގެ ހާލަތުގައިވެސް 2020 ވަނަ އަހަރަކީ ސްޓެލްކޯއަށް ކާމިޔާބު އަހަރެއް: މުޣުނީ

ކޯވިޑް-19 ގެ ހާލަތުގައިވެސް 2020 ވަނަ އަހަރަކީ ސްޓެލްކޯއަށް ކާމިޔާބު އަހަރެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ. މުޣުނީ މިހެން ވިދާޅުވީ މިފެށުނު 2021 ވަނަ އަހަރު...

04 Jan 2021 | 07:44

ކޯވިޑް-19 ގެ ހާލަތުގައިވެސް 2020 ވަނަ އަހަރަކީ ސްޓެލްކޯއަށް ކާމިޔާބު އަހަރެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.

މުޣުނީ މިހެން ވިދާޅުވީ މިފެށުނު 2021 ވަނަ އަހަރު ފުރަތަމަ މަސައްކަތު ދުވަހު ސްޓެލްކޯގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ލައިވް ސްޓްރީމް މެދުވެރިކޮށް މިކުންފުނިން ބަލަހައްޓަމުން ގެންދާ ހުރިހާ އިންޖީނުގެއެއްގެ މުވައްޒަފުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މުޣުނީ ވިދާޅުވީ، 2020 ވަނަ އަހަރު ނިމިގެން ދިޔައިރު ސްޓެލްކޯގެ މަސައްކަތްތަކުގެ މައްޗަށް ނަޒަރު ހިންގާ ބަލާލަން ޖެހޭ ކަމަށާއި، އަދި ކުރިއަށް ކަނޑައަޅަންވާ މިސްރާބު ކަނޑައެޅުމުގައި ނިމިދިޔަ ތަނުގެ ތަޖުރިބާތައް ދެނެގެންނަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެކަންކަން ބަލައި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް ހާސިލް ކުރުމަށް ލަނޑުދަނޑިތައް ކަނޑައަޅާ މިސްރާބު ހިފަންޖެހޭކަމަށާއި، ކޮންމެ މުވައްޒަފަކު އެ މުވައްޒަފެއްގެ މަސައްކަތު ދާއިރާއިން އެކަން ކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އަދި ސްޓެލްކޯއަށް 2020 ވަނަ އަހަރަކީ ކާމިޔާބުގެ އަހަރެއް ކަމަށާއި، ކޯވިޑްގެ ކުއްލި ނުރައްކަލުގެ ހާލަތުގައި މާލެ ސަރަހައްދު ފުރަބަންދުވީ، ކުންފުނިން ފޯރުކޮށްދޭ ހިދުމަތް މެދު ނުކެނޑި ފޯރުކޮށް ދިނުމަށް އެތެރޭގައި 220 މުވައްޒަފުން ފުރަބަންދު ވެގެން ކަމަށް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ އާއިލާއާއި ވަކިން އޮފީހުގައި ބަންދުވެ ތިބެ، ކުރަންޖެހުނު މަސައްކަތަކީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތެއްކަމަށެވެ.

އެހެން ނަމަވެސް އެކަމުގައި އެ މުވައްޒަފުން ދައްކައިދިނީ ގައުމީ ހިތްވަރާއި ކުންފުންޏަށް އިހުލާސްތެރި ވުމުގައި ނަމޫނާ މިސާލެއްކަމަށެވެ. އަދި ލޮކްޑައުންގައި ގޭގައި ތިއްބަވައިގެން މަސައްކަތް ކުރެއްވި މުވައްޒަފުންގެ ސަޕޯޓިންގ މަސައްކަތާއި އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުންވެސް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ކޮވިޑްގެ ހާލަތުން މިންޖުވުމަށް ކުރަމުން ދިޔަ އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަކީ ގައުމީ މަސައްކަތަކަށް ވާއިރު އެކަމުގައި މިކުންފުނި ޝާމިލްވެ އަމަލީ ގޮތުން މަސައްކަތް ކުރެވިފައި ވާކަން ފާހަގަ ކުރަން. އެގޮތުން ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ކުންފުނީގެ 50 އަށްވުރެ ގިނަ މުވައްޒަފުން ހިދުމަތަށް ނުކުމެ އެންއީސޯސީގެ އެކި ހިދުމަތް ތަކުގައި އަމަލީ ގޮތުން ބައިވެރިވެ، މަސައްކަތް ކޮށްފައިވާ ކަން މި ފާހަގަ ކުރަނީ އެ މުވައްޒަފުންގެ ހިދުމަތަށް ފަހުރުވެރި ވަމުން. ކުންފުނިން މާލީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ގޮތުގައި 5.8 މިލިޔަން ރުފިޔާ، ހޭދަ ކޮށްފައި ވާނެ" މުޣުނީ ވިދާޅުވި އެވެ.

މީގެ އިތުރުން އެ އުދަނގޫ ދަނޑިވަޅުގައި ކަރަންޓު މެދު ނުކެނޑި ފޯރުކޮށްދިނުމާއި، ވޮލަންޓިއަރ މަސައްކަތަށް ނުކުތުމުގައި މުވައްޒަފުން ބައިވެރިވުމާއި، މާލެއާއި އަތޮޅުތަކުގައި އިންޖީނުތައް އޯވަރ ހޯލްކޮށް މެއިންޓެއިންކޮށް ބެލެހެއްޓުމުގައި ހާއްސަކޮށް އަހަރުގެ "ޕީކް" ދުވަސްވަރު ކަރަންޓު ކަނޑާލަން ނުޖެހި،ހިދުމަތް ދެމުން ގެންދިޔަ ގެންދިއުން އެއީ ކުންފުނީގެ ތާރީހުގެ ތެރެއިންވެސް ލިޔެވިގެން ދާނެ ފަހުރުވެރި މަސައްކަތްތައް ކަން ފާހަގަ ކުރާ ކަމަށެވެ. އަދި ރާއްޖޭގެ ބިޔަ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ވާ "ފިފްތު ޕަވަރ މަޝްރޫއު " އާއި "އިންޓަރ ކަނެކްޝަން" މަޝްރޫއު މަސައްކަތް ވެސް ނުހުއްޓި އެހާލަތުގައިވެސް ކުރިއަށް ދިޔަކަން މުޣުނީ ވަނީ ފާހަގަ ކުރައްވާފަ އެވެ.

"ތެލަށް ބަރޯސާވެ، ކަރަންޓު އުފެއްދުން އެކަނި އެއީ ކުންފުނީގެ ވިޔަފާރިއަށް ހަދައިގެން ތިބުމުގެ ބަދަލުގައި އެހެން ވިޔަފާރިތަކަކަށް އިންވެސްޓްކޮށް ފުޅާ ކުރުމާއި ސޯލާގެ ވިޔަފާރި ފުޅާ ކުރުމަށް އަޅުގަނޑުމެން ކުރި މަސައްކަތް ހުސްވި އަހަރު ނިންމާލީ ފްލޯޓިން ސޯލާގެ އަމިއްލަ ޕްރޮޖެކްޓެއް "ސްޓެލްކޯ ސޯލާ ޕޮޑް – ގުރީން ލައިފް" ގެ ނަމުގައި ނިމުނު އަހަރު އެންމެ ފަހު މަސައްކަތް ދުވަހު ލޯންޗް ކުރުމާއެކު، މިއީ މި ސިނާއަތަށް މި ކުންފުނިން ދޫކޮށްލި މުހިއްމު އުފެއްދުމެއް. އަދި މިއީ ދިވެހި ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ، ސްޓެލްކޯގެ ހިދުމަތުގެ 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ގައުމީ ޖަލްސާއަށް ވަޑައިގެން މި ސިނާއަތުގައި އަމިއްލަ އުފެއްދުމާއި ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރުމަށް ކުރެއްވި އުއްމީދު ހަގީގަތަށް ހެދުމަށް ކުރެވިގެން ދިޔަ ވަރަށް ފަންނުވެރި އަދި ބިނާ ކުރަނިވި މަސައްކަތެއް" މުޣުނީ ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވާފައިވާގޮތަށް މި ފެށުނު އައު އަހަރަކީ ގައުމު އާރަސްތުކުރުމުގެ އަހަރުކަމަށްވާތީ، ރާއްޖޭގެ ހަކަތައިގެ ސިނާއަތުގެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ މި އަހަރުގެ އަމާޒަކީ ހަރަދު ކުޑަކުރުމާއެކު، އައު ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދައި، ފޯރުކޮށްދިނުމާއި، ސްމާޓް މީޓަރު ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުންކަމުގައި މުޢުނީ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް