ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްއަށް ތޫނު އެއްޗަކުން ހަމާލާދީ މަރާލި މައްސަލައިގަ ދައުވާ ކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.
އަނަސް މަރާލީ ގައިގެ 24 ތަނަކަށް ތޫނު އެއްޗަކުން ގަސްދުގައި ހަމަލާ ދިނުމުންން 2017 ވަނަ އަހަރުގެ ވެ. އެ ހާދިސާ ހިނގާފައިވަނީ ހަމަލާއިން ސަލާމަތްވުމަށް ލިޓަސް ސާވިސް ސެންޓަރަށް ވަނުމުން ސައިކަލުން އައި ހަތަރު މީހަކު އެތާ ތެރޭގައި އަނަސްއަށް ވަޅިން ހަމަލާދީ މަރާލުމުންނެވެ.
އަނަސް މަރާލި ހާދިސާ ހިނގާފައިވަނީ ކުއްޖާގެ އުމުރުން 17 އަހަރުގައި އެވެ. މިހާރު ކުއްޖާގެ އުމުރަކީ 20 އަހަރު ވިޔަސް އެ މައްސަލައިގަ އެ ކުއްޖާގެ މައްޗަށް ދައުވާ އުފުލީ 2017 ވަނަ އަހަރު ކަމަށްވާތީ މައްސަލަ ބަލަނީ ޖުވެނައިލް ކޯޓުންނެވެ.
އެ ކުއްޖާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ޖުވެނައިލް ކޯޓުން އެ މައްސަލައިގަ ކުރި ހުކުމާއި ގުޅޭގޮތުން އެ ކޯޓުގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތު ކުރަން ދައުލަތުން ހުށަހަޅާފައިވަނީ ހަތަރު ހެތްކެއް ކަމަށެވެ.
އެކަމަކު ދިފާއީ ހެކިން ހުށަހަޅާފައިވާ ހެކިތަކުގެ ސަބަބުން ދައުލަތުގެ ހެކިތައް ސާބިތުނުވާކަމަށް ހުކުމް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދިފާއީ ހެކިން ވަނީ އެ ކުއްޖާ ހާދިސާ ހިނގި ދުވަހު އެކި ތަންތަނާއި ގޭގައި އުޅެފައިވާކަމުގެ ހެކި ހުށަހަޅާފައި އެވެ.
ވީޑިއޯ އެނަލިސިސް ރިޕޯޓުގައި، އަނަސްއަށް ހަމަލާދިން މީހަކާ އެ ކުއްޖާއާ އެއްގޮތް ސިފަތަކެއް ހުރި ކަމަށް ބުނެފައި ވިޔަސް، އެއީ އާންމު ތިން ސިފައެއް ކަމަށްވާތީ އެހެން މީހަކާ ވެސް އެ ސިފަތައް ދިމާވެދާނެ ކަމަށް އެ ރިޕޯޓް ތައްޔާރުކުރި ފަރާތުން ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެހެންވެ، އަނަސްއަށް ހަމަލާދިން މީހުންގެ ތެރޭގައި ދައުވާލިބުނު ކުއްޖާ ހުރި ކަމާ މެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައި ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަނަސްގެ މަރާ ގުޅިގެން އިތުރު ހަތް މީހެއްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރެ އެވެ. އެއީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ، އައްޑޫ ސިޓީ ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، މާލޭ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއާއި، ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒް އެވެ.
ކުޑަކުދިންނަަށް ގާނޫނުން ހާއްސަ ރައްކާތެރިކަން ލިބިގެންވާތީ އެ މައްސަލައިގައި ދައުވާ ކުރި ކުއްޖާގެ މައުލޫމާތު ވަނީ ސިއްރު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް