ރާއްޖެއިން ބޭރަށް ފުރާ ދިވެހިން ޑޮލަރު ގަތުމަށް އޮންލައިންކޮށް ފައިސާ ދެއްކޭ ގޮތް ހަދައި އަންނަ އާދިއްތަ ދުވަހުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ދޫކުރާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖައްސައިފި އެވެ.
ބީއެމްއެލްއިން ބުނީ ރާއްޖެ އިން ބޭރަށް ދާ ފަރާތްތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ޗެކިންވުމުން އެ ތަނުގައި ހުންނަ ޑޮލަރު ކައުންޓަރުން ޑޮލަރު ލިބޭނެ ކަމަށެވެ. އަދި އެއާޕޯޓަށް ދިއުމުގެ ކުރިން ޑޮލަރު ގަންނަން އޮންލައިންކޮށް ބުކިން ހައްދައި، އޮންލައިންކޮށާއި ބީއެމްއެލްގެ ބްރާންޗްތަކަށް ގޮސްގެން ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އޮންލައިންކޮށް ބުކިން ހަދައި ފައިސާ ދެއްކުމަށް ބީއެމްއެލްގެ ވެބްސައިޓަށް ވަދެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ދަތުރު ކުރާ މީހާގެ މައުލޫމާތާއި ޕާސްޕޯޓް ނަމްބަރު އަދި ފްލައިޓްގެ މައުލޫމާތު ޖެހުމަށް ފަހު ޑެބިޓް ކާޑުން ފައިސާ ދެއްކެ އެވެ. ޑޮލަރަށް ފައިސާ ދައްކާ އޮންލައިން ޕޯޓަލް މާދަމާ ރެ އިން ފެށިގެން ބީއެމްއެލް ވެބްސައިޓުގައި ފެންނަން ހުންނާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލްއިން ބުނީ އެއާޕޯޓުގައި ޑޮލަރު ދޫކުރާނީ ޑީޕާޗާ ޓާމިނަލް ގޭޓު ހަތަރެއް ކުރިމަތީގައި ހުންނަ ބީއެމްއެލްގެ ކައުންޓަރުން ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސެންޖަރުންނަށް މި އިންތިޒާމު ހަމަޖައްސާފައިވާއިރު އެހެން އިންޓަނޭޝަނަލް އެއާޕޯޓުތަކުން ފުރާ ފަސެންޖަރުންނަށް އެ އެއާޕޯޓަކާއި އެންމެ ކައިރީގައި ހުންނަ ބީއެމްއެލްގެ ބްރާންޗަކުން ޑޮލަރު ލިބޭނެ އެވެ.
އޮންލައިން ޕޯޓަށް މެދުވެރިކޮށް ބުކިން ހައްދާ އިރު އެއް ބުކިންއެއްގައި ގިނަވެގެން ހިމެނޭނީ ފަސް މީހުން ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ. އަދި ކުރިއެކޭ އެއްގޮތަށް ޓިކެޓަކަށް ދޫކުރާނީ 500 ޑޮލަރެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އެ ނިޒާމުގެ ސަބަބުން ވަރަށް ފުރިހަމަ އަށް އެ ހިދުމަތް ފޯރުކޮށްދެވޭނެ އެވެ. އަދި ޑޮލަރު ދޫކުރެވެނީ ރާއްޖެ އިން ބޭރަށް ފުރާ ބަޔަކަށް ކަން ކަށަވަރުވާނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.
" ބޭސްފަރުވާ އަށާއި ވަޒީފާއާ ގުޅޭ ކަންކަމުގައި ނުވަތަ ޗުއްޓީ ހޭދަ ކޮށްލަން ވިޔަސް ރާއްޖެ އިން ބޭރަށް ދާ މީހުންނަށް ޑޮލަރު ފޯރުކޮށްދެވޭ މިންވަރު އިތުރުވާނެ. އަދިޑޮލަރު ދޫކުރެވެނީ ބޭރަށްފުރާ މީހުންނަށް ކަން ޔަގީން ކުރެވޭނެ،" އެންޑްރޫ ވިދާޅުވި އެވެ.
ޑޮލަރު ހޯދަން ރާއްޖެއިން ބޭރަށް ފުރާ ދިވެހިން ކިޔުގައި ޖެހެންޖެހޭތީ އެމްއެމްއޭއިން މިދިޔަ މަހެއްހާ ދުވަހުން ފެށިގެން ޑޮލަރު ވިއްކަމުން ދިޔައީ އާންމުންނަށް ވަރަށް ފަސޭހަ އިންތިޒާމެއްގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް