މަސްތުވާތަކެއްޗާ ދެކޮޅަށް މާލޭއާއި މާލެ ހިމެނޭ ސަރަޙައްދުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމުގައި ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފަށައިގެން ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކޮށް އަމާން ރައްކާތެރި މާހައުލެއް ޤާއިމްކުރުމުގެ ގޮތުންނާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް މަދުކުރުމާއި ކުށްމަދުކުރުމުގެ ގޮތުން ހިންގި ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ.
ފާރަގެމަ ބޭނުންކޮށްގެން ހިންގި މި އޮޕަރޭޝަންގައި ތުހުމަތުކުރެވޭ 1004 މީހަކު ބަލައިފާސްކޮށްފައިވާއިރު ކޯޓު އަމުރެއްގެ ދަށުން 21 ތަނެއް ބަލައިފާސްކޮށްފައިވާކަމަށާއި އަދި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން 62 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މަސްތުގެ ހާލާތުގައި ތިބި 34 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގައި ފުލުހުން ބުނެ އެވެ.
"މި އޮޕަރޭޝަންގައި ހަޝިޝް އޮއިލްކަމަށް ބެލެވޭ 1.347 ކިލޯގްރާމްގެ ތަކެއްޗާއި ހެރޮއިންކަމަށް ބެލެވޭ 0.436 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ، އެގޮތުން މި އޮޕަރޭޝަނުގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރޭގައި 62 ކެނަބިސް އޮށާއި 14 ބަނގުރާ ފުޅި އާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 2 ފުޅިއަކާއި މަސްތުވާތަކެތިއަޅައި ތައްޔާރުކޮށްފައިވާ ބިޑިތަކަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 04 ޖޫސްޕެޓީ ކޮތަޅާއި 04 ރަބަރުގަނޑާއި 01 ތެޔޮދަޅަކާއި 17 ތެޔޮޕީސް އާއި 58 ބްލެޓާއި 101 ސެލޯފިންކޮޅު ހިމެނޭ" ފުލުުން ބުނެފައި ވެ އެވެ.
މީގެއިތުރުން މި އޮޕަރޭޝަންގައި މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ 279000 ރުފިޔާއަށްވުރެ ގިނަ ފައިސާއާއި 710 ޑޮލަރު ހޯދައި އެތަކެތިވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމުގައިވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ 11 ދުވަހުގެ މުއްދަތަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގެ ތެރެއިން ވަނީ ރާއްޖެ އެތެރެކުރި މަސްތުވާތަކެތި ހޯދައި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށާއި މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 39 އަހަރުގެ ސްރީލަންކާ އަންހެނަކާއި 27 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ. އަދި މިދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހުޅުލެއިން މާލެ އައިތަނުން ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންނާއި އިންޑިއާއިން ރާއްޖެއައި މީހާގެ ލަގެޖް ބަލައިފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައެއް ނުވާކަމަށާއި އަދި ރާއްޖެ އައި އިންޑިއާ މީހާގެ އެތެރަހަށީގައި މަސްތުވާތަކެތި ފޮރުވާފައިކަމަށް ތުހުމަތުކުރެވިގެން ހޮސްޕޮޓަލަށް ގެންގޮސް އެކްސްރޭ ނަގައި ބެލިއިރު އޭނާގެ ފުރަގަސް ފަރާތުގައި މަސްތުވާތަކެތި ހުރިކަންވަނީ އެނގިފައި ކަމަށެވެ. އަދި އޭނާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވަތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ބްލެޓް ފެނިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް