މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މަތިންދާ ބޯޓިު ތަކަށް އަޅާ ތެޔޮ ވިއްކާ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ.
މިއީ 2011 ވަނަ އަހަރަށް ފަހު އެ ކުންފުނިން ވިއްކާ ތެލުގެ އަގު އެހާ ހެޔޮ ކުރި ފުރަތަމަ ފަހަރެވެ. 2011 ވަނަ އަހަރު އެކުންފުނިން ވަނީ ތެޔޮ ލީޓަރެއް 13.56 ރ އަށް ވިއްކާފައި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބައިނަލްއަގުވާމީ ފްލައިޓްތަކަށް ތެޔޮ ލީޓަރެއް ވިއްކަނީ 13.26 ރ އަށް ކަމަށެވެ. އަދި އެތެރޭގެ އުދުހުންތަކުގެ ފްލައިޓްތަކަށް ތެޔޮ ލީޓަރެއް ވިއްކާނީ 13.02 ރ އަށް ކަމަށެވެ.
އެމްއޭސީއެލްއިން އެންމެ ފަހުން ތެލުގެ އަގު ހެޔޮކޮށްފައިވަނީ މީގެ ދެ މަސް ކުރިން މިދިޔަ އަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މިމަހުގެ އެކަކާއި ހަމައަށް ބައިނަލް އަގުވާމީ ފްލައިޓްތަކަށް ތެޔޮ ލީޓަރެއް ވިއްކަމުން އައީ 14.27 ރ އަށެވެ. އަދި އެތެރޭގެ އުދުހުންތަކުގެ ފްލައިޓްތަކަށް ތެޔޮ ލީޓަރެއް ވިއްކާފައިވަނީ 14.08 ރ އަށެވެ.
އެމްއޭސީއެލްއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފައިވަނީ ވޭތުވެދިޔަ ހައެއްކަ މަސްތެރޭ ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގު ދައްވެފައިވާ ދަނޑިވަޅެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް