ލ.އަތޮޅު ކައުންސިލްގެ ތިންވަނަ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ސްޓަރ އަދި ފޮނަދު ހެލްޕިން ހޭންޑްސް އޮފް މޯލްޑިވްސް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ސެމީއަށް ތިން ޓީމު ދަތުރުކޮށްފައިވާއިރު، ފުރަތަމަ ސެމީ ފައިނަލްގައި ގްރޫޕް ސްޓޭޖުން އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދަތުރުކުރި ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން (ސްޓަރ) އަދި ގްރޫޕް ސްޓޭޖުގެ ދެވަނަ ޓީމެއްގެ ގޮތުގައި ސެމީއަށްދިޔަ ހެލްޕިން ހޭންޑްސް އޮފް މޯލްޑިވްސް ބައްދަލުކޮށް ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބުކުރީ ސްޓަރއެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްޓަރގެ ޖާރސީ ނަންބަރ 13 އައިޝަތު ސަނާއެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީފައިނަލް ދެވަނަ މެޗުގައި ފުރަތަމަ ސެމީ ފައިނަލް މެޗުން ބަލިވި ހެލްޕިން ހޭންޑްސް އޮފް މޯލްޑިވްސް އަދި ތިންވަން ޓީމެއްގެ ގޮތުގައި ސެމީއަށް ދަތުރުކުރި މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާ ބައްދަލުކޮށް ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބުކުރީ ހެލްޕިން ހޭންޑްސް އޮފް މޯލްޑިވްސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހެލްޕިން ހޭންޑްސް އޮފް މޯލްޑިވްސްގެ ޖާރސީ ނަންބަރ 11 ފާތިމަތު ސުޒީލާއެވެ.
މުބާރާތުގެ އަންހެންޑިވިޝަންގެ ފައިނަލް މެޗު މިއަދު ހަވީރު އޮންނާނެއެވެ. އަދި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު ފިރިހެން ޑިވިޝަންގެ ފައިނަލްގައި ބައްދަލުކުރާނީ ފޮނަދޫ ޒުވާނުންގެ ރޫޙް އަދި މާމެންދޫ މަސްވެރިންގެ ގުޅުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް