"އާނ.... މާދަމާ ދެން ތިކަމާ ވާހަކަ ދައްކާނީ.... މިހާރު ވަރަށް ލަސްވެއްޖެ.... ހިނގާ ނިދަމާ......" ބާލީސް ރަނގަޅު ކޮށްލަމުން ހަސީނާ ބުނެލިއެވެ.
ގަނޑިން ހެނދުނު އަށެއް ޖަހަނީއެވެ. ޒާހިރާއާއި، ހަސީނާ އުޅެނީ ހެނދުނުގެ ސައި ތައްޔާރު ކުރުމުގައެވެ.
"އޮޕަރޭޝަނަށްފަހު ޢާއިޝާގެ ހާލު މިހާރު ކިނެތްތަ...؟" ހަސީނާ ޖޯޑުތައް ދޮންނަމުން ޢާއިޝާގެ ހާލު އޮޅުން ފިލުވުމުގެ ގޮތުން އަހާލިއެވެ.
"މާތް ﷲ ގެ އިރާދަފުޅުން ވަރަށް ބޮޑުތަން ރަނގަޅު.... ދެ ދުވަހެއްގެ ތެރޭގައި ދޫކޮށްލާނެހެން ހީވަނީ..... އެކަމަކު އަދި ގަވާއިދުން ޗެކްއަޕް ހަދަން މިކޮޅުގައި ދެމަހެއްހާދުވަހު މަޑުކުރަންޖެހޭނެ..... ވާހަކަ ދެއްކުމުގެ އުނދަގުލެއް އެކަނި މިހާރު ހުރީ.... މަޑުމަޑުން އެކަން ރަނގަޅުވާނެޔޯ ޑޮކްޓަރ ބުނީ....." ރޮށިތަށި ގެނެސް މޭޒުމަތީގައި ބަހައްޓަމުން ޒާހިރާ ބުނެލިއެވެ.
"އަލްޙަމްދުﷲ ..... ތިކަންވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅު ވާނެ....." ޒާހިރާ އާއި ދިމާއަށް ބަލާލަމުން ހަސީނާ ބުނެލިއެވެ.
"އަޒާން ހޭލައިފިތޯ ބަލާލާފައި އެބައަންނަން އިނގޭ....." ހިނގައިގަންނަމުން ޒާހިރާ ބުނެލިއެވެ.
ޒާހިރާ ގޮސް އަޒާން ކޮޓަރީގައި ޓަކިޖަހަން ފެށިއެވެ. ނަމަވެސް އެތެރޭން އަޑެއް ބަޑެއް ނީވޭތީ ދެތިން ފަހަރު އަޒާންއަށް ގޮވާލުމަށްފަހު ދޮރުގައި ހިފާލިއެވެ. ދޮރުގައި ހިފާލުމާއެކު ދޮރު ހުޅުވިއްޖެއެވެ. ޒާހިރާ ދިޔައީ ސިހިގެންނެވެ. އަޒާން އޮތީ ދޮރުކައިރީ ބިންމަތީގައި އުއްޑުން ވެއްޓިފައެވެ. ޒާހިރާ ވަރަށް ބާރަށް އަޒާންއަށް ގޮވާލުމަށްފަހު ދުވެފައިގޮސް ކުޑަކަކޫ ޖަހާފައި އަޒާންގެ ކައިރީގައި އިށީނެވެ.
"ދަރިފުޅާ..... ދަރިފުޅާ....." ޒާހިރާ އަޒާންގެ ކޮލުގައި ޖަހާލާފައި ދެފަހަރު ގޮވާލިއެވެ.
"ދަރިފުޅާ..... ކިހިނެތްވީ..... ލޯހުޅުވާލަބަލަ....؟ ކޮން ލެޔެއްތަ މިހިރީ؟ ކިހިނެތްތަވީ.....؟" އަނެއްކާވެސް ޒާހިރާ، އަޒާންގެ ކޮލުގައި ޖަހާލަމުން ގޮވަމުން ގެންދިޔައެވެ.
މިފަހަރު އަޒާންގެ ކޮލުގައި ޖަހާލުމާއެކު އަނގަޔާއި ނޭފަތުގެ ތެރެއިން އަނެއްކާވެސް ލޭ ފައިބަން ފެށިއެވެ. ޒާހިރާ ވަރަށް ބާރަށް ހަސީނާއަށް ގޮވާލުމަށްފަހު އަޒާންގެ ކަރުދޮށަށް އަތްލެއްވުމަށްފަހު އަޒާން ނެގޭތޯ މަސައްކަތް ކުރިއެވެ. އެވަގުތަކީ ޚާލިދުވެސް ކޮޓަރިން ނިކުމެގެން ތިރިއަށްދާން ހިނގައިގަތް ވަގުތު ކަމުގައިވާތީ ހަސީނާ ހަޅޭއްލަވައިގަތްއަޑު އިވިގެން ދުވެފައި ކަހަލަ ގޮތަށް ޚާލިދު އައިސް އެކޮޓަރިއަށް ވަނެވެ. އަދި ހަސީނާވެސް ޒާހިރާގެ ހަޅޭކުގެ އަޑަށް އެކޮޓަރިއަށް އަތުވެއްޖެއެވެ.
"މަގޭ ދަރިފުޅު....." އަޒާންގެ ބޯހިއްލާލުމަށްފަހު ކަރުދޮށަށް އަތްލައްވާލަމުން ޒާހިރާ ރޮމުން ރޮމުން ބުނެލިއެވެ.
"އަޒާންއަށް ކިހިނެތްވީ....؟ ކޮންލެޔެއް ތިހިރީ.... އަނބުރާގަނެގެން ވެއްޓުނީތަ.....؟" ޚާލިދުވެސް ދުވެފައި އައިސް އަޒާންއާއި ދިމާއަށް ގުދުވަމުން ބުނެލިއެވެ.
"އަވަހަށް ނާޞިރަށް ގުޅާދީބަލަ...." ޒާހިރާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
ގޭތެރޭގައި މާއަޑުގަދަވެގެން އުޅޭތީ ހުމޭދާ ކޮޓަރިން ނިކުމެގެން އަޒާން ކޮޓަރިއާއި ދިމާއަށް އައިއިރު އަޒާން ކޮޓަރީ ކައިރީ ބޭރުގައި ނާޝިދު ހުއްޓާ ހުމޭދާއަށް ފެނުނެވެ.
"ނާޝިދު.... މިއޮތް ހެނދުނާ ކިހިނެތްވީ؟..... ކޮންކަމަކު....؟" ޙައިރާންވެފައިހުރެ ހުމޭދާ އަހާލިއެވެ.
"އަޒާންއަށް ކޮންމެސް ކަމެއްވެގެން އެންމެން އެއުޅެނީ..... ހުމޭވެސް ދޭބަލަ ވީގޮތެއް ބަލާލަން.... ނާޞިރުބޭ ވީ ހޮސްޕިޓަލުގަދޯ.....؟ ނާޝިދު މިދަނީ ހޮސްޕިޓަލަށް ނާޞިރުބޭ ގެއަށް ފޮނުވަން...." ހިނގައިގަންނަމުން ނާޝިދު ބުނެލިއެވެ.
"ކިހިނެތްތަވީ އަޒާންއަށް.....؟ ކާކު ނާޝިދަށްގުޅީ....؟ ހުމޭވެސް މި ނިކުތީ ގޭތެރޭގައި މާއަޑުގަދަވެގެން އުޅޭތި...." އަނެއްކާވެސް ހުމޭދާ ޙައިރާންވެފައި އަހާލިއެވެ.
"މިގަޑީގައި ދެން މާގިނަ ވާހަކަ ނުދައްކާ ވީގޮތެއް ބަލާލަން އެތެރެއަށްދޭބަލަ.....! ނާޝިދު އަބަދުވެސް ބުނަމެއްނު ކޮންމެ ބޮޑުކަމެއް ޖެހޭއިރު ހެލްޕްވާން ނާޝިދު ހުންނާނަމޭ.... މިފަހަރުވެސް ނާޝިދު ހެލްޕްވާށޭ މިއައީ....." ހިނގައިގަންނަމުން ނާޝިދު ބުނެލިއެވެ.
ހުމޭދާ ކޮޓަރިއަށް ވަންއިރު އަޒާން އޮތީ އެނދުގައި ބާއްވާފައެވެ. އޭރުވެސް އަޒާންގެ އަގައިންނާއި ނޭފަތުން ލޭ ފައިބަމުން ދިޔައެވެ.
"މަންމާ އަޒާންއަށް ކިހިނެތްވީތަ....؟ ކިހިނެތްވެގެން އެ ލޭއަންނަނީ....؟" ހުމޭދާ ހާސްވެފައިވާ ހަސީނާއާއި ސުވާލު ކުރިއެވެ.
"ނޭނގެ އަދި އެއްގޮތަކަށްވެސް ވީގޮތެއް..... މަންމަ މިދަނީ ތައްޔާރު ވެލައިގެން ނާޞިރުބޭ ފޮނުވަން ހޮސްޕިޓަލަށް..... ދަރިފުޅު މިތާ މަޑުކުރާތި...." ބޭރަށް ނިކުންނަށް ހިނގައިގަންނަމުން ހަސީނާ ބުނެލިއެވެ.
"ނޫނޭ މަންމަ މަޑުކުރޭ.... ނާޝިދު ދެންމެ މިގެއަށް އައިއިރު މިކަންތައްގަނޑު ހިނގައިގެން އުޅޭކަން އެނގިގެން ނާޞިރުބޭ ފޮނުވާށޭ ކިޔާފައި ހޮސްޕިޓަލަށް އެދިޔައީ....." ހަސީނާގެ އަތުގައި ހިފާލުމަށްފަހު ހުމޭދާ ބުނެލިއެވެ.
"އެހެންތަ....؟ ނަޞީބެއްނު ނާޝިދަށް އާދެވުނުކަން..... އެވެސް ހާދަ ރަނގަޅު ކުއްޖެކޭ...." ހުމޭދާގެ ބޮލުގައި ފިރުވާލުމަށްފަހު ހަސީނާ ބުނެލިއެވެ.
އަޒާންގެ ފުރާނަވަނީ ގޮސްފައެވެ. ލޯމަތިން ދަރިފުޅު ގެއްލުމުން މައެއްގެ ހިތަށް ކުރާނެ އެންމެ ފުން އަސަރު ޒާހިރާއަށްވަނީ ކޮށްފައެވެ. ޒާހިރާ އަޒާންގެ އެނދުގެ އެއްފަރާތުގައި އިށީނދެލައިގެން އިނދެ އަޒާންގެ އަތުގައި ފިރުމާލަ ފިރުމާލަ އިންދާ ނާޞިރު އައިސް ވަނެވެ. ނާޞިރު ފެނުމާއެކު ޒާހިރާ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުތައް ފައިބައިގަތެވެ.
"އަޒާން..... އަޒާން....." ނާޞިރު އާއި ދިމާއަށް ބަލަންއިނދެ ޒާހިރާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
ނާޞިރު އައިސް އަޒާންގެ މޫނުގައި އަތްޖައްސާލިއެވެ. އަދި ޒާހިރާގެ ކަރުތަ ފެހެދެމުންދިޔައެވެ.
"ކުއްލިއަކަށް ކިހިނެތްވީ.....؟ ވެއްޓުނީތަ....؟ ކީއްވެ ލޭ އަންނަނީ....؟" ނާޞިރު ޒާހިރާ ކައިރީގައި އިށިނދެ ކަރުނަތައް ފޮހެދެމުން އެހިއެވެ.
އެހެންނަމަވެސް އެސުވާލަށްދޭނެ ޖަވާބެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަރުނައާއި، ހިތްދަތިކަމުގެ އަސަރުތަކެވެ. ޒާހިރާ އިނީ ރޮއިރޮއި ގިސްލެވިފައެވެ. އެންމެން ރޯތަން ފެނުމުން ހުމޭދާގެ ލޮލުންވެސްވަނީ ކަރުނަ ހިލިފައެވެ.
ނާޝިދު ކޮޓަރިން ބޭރުގައި އަޒާން އޮތް އެނދާ ދިމާއަށް ބަލަހައްޓައިގެންހުރި ތަން ފެނިފައި ހުމޭދާ ބޭރަށް ނިކުތެވެ.
"ކީއްވެ އެތެރެއަށް ނުވަދެތިހިރީ.....! ހިނގާ އެތެރެއަށް.....! ހުމޭދާ ގޮސް ނާޝިދު ކައިރިއަށް ހުއްޓެމުން ބުނެލިއެވެ.
ނާޝިދު، ހުމޭދާއާއެކު މަޑުމަޑުން ހިނގާފައި ކޮޓަރިތެރެއަށް ވަނުމަށްފަހު އަޒާން އޮތް އެނދުގެ ކައިރިއަށް ހުއްޓި އަޒާން ހަށިގަނޑަށް ބަލަހައްޓައިގެން ހުއްޓެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 05 ޑިސެމްބަރ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް