ފީފާ ވޯލްޑް ކަޕް 2022 ގެ ރައުންޑް އޮފް 16 ގެ ފުރަތަމަ މެޗުގައި މިރޭ 3-1 ގެ ނަތީޖާއިން ޔޫއެސްއޭ ބަލިކޮށް ނެދަލެންޑްސް ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ފީފާ ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމަކަށް ނެދަލެންޑްސް ވެފައިވާއިރު، އެ ގައުމުން ކުއާޓާ ފައިނަލްގައި ވާދަކުރަން ޖެހޭނީ މިރޭ އާޖެންޓީނާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
އެމެރިކާއަށް މިހާ ހިސާބުން މުބާރާތް ނިމުނުއިރު، 2002 ގެ ވޯލްޑް ކަޕްގެ ފަހުން މިހާތަނަށް އެ ގައުމަށް ރައުންޑް އޮފް 16 އަށްވުރެ ދުރަށް ދަތުރު ކުރެވިފައެއް ނުވެއެވެ. އަނެއްކޮޅުން 2010 ގެ ފައިނަލުގައި ކުޅެ، 2014 ގެ ވޯލްޑް ކަޕްގެ 3 ވަނަ ހޯދުމަށްފަހު، 2018 ގެ ވޯލްޑް ކަޕަށް ކޮލިފައި ނުވެވުނު ނެދަލެންޑްސް ކުއާޓާ ފައިނަލަށް ދިއުމަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
މިރޭގެ މެޗު ފެށިގެން ކުރީކޮޅު ލީޑު ނަގަން ޔޫއެސްއޭއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނެދަލެންޑްސްގެ އޮފްސައިޑް މަޅިން ސަލާމަތްވެ އޭރިޔާގެ ތެރެއިން ބޯޅަ ލިބިގަނެ، ލިބުނު ހުސް ފުރުސަތުގައި ޕުލިސިޗް ފޮނުވާލި ބާރު ހަމަލާ ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް ވަނީ މަތަކޮށްފައެވެ.
އޭގެ އިރުކޮޅެއް ފަހުން މެޗުގެ 10 ވަނަ މިނިޓުގައި ނެދަލެންޑްސް އިން ފުރަތަމަ ލަނޑު ޖެހިއެވެ. ހިތްގައިމު ވަން ޓަޗް ޕާސްތަކާއެކު ކުޅުނު އަވަސް ކުޅުމަށްފަހު ޑަމްފްރީސް އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ މެމްފިސް ޑިޕާއީއެވެ. އޭގެ އިރުކޮޅެއް ފަހުން ވެސް ޑިޕާއީ އަށް ވަރަށް ހުސްފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެއެވެ.
ފުރަތަމަ ހާފުގެ މެދެއްކަންހާ ހިސާބުން ފެށިގެން ޔޫއެސްއޭއިން ރަނގަޅަށް ކުޅެ ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް އެކަންވީ ބޭކާރެވެ. މިގޮތުން ވެއާ ދުރުން ފޮނުވާލި ބާރު ބޯޅައެއް ކީޕަރު ދިފާއުކުރިއިރު، އުފެއްދި އަވަސް ކައުންޓަރ އެޓޭކެއްގައި ނެދަލެންޑްސް އިން ފުރަތަމަ ހާފު ނިންމާލީ އިތުރު ލަނޑެއް ޖަހައިގެންނެވެ. ޑަމްފްރީސް ދިން ބޯޅައަކުން މި ލަނޑު ޖެހީ ބްލިންޑެވެ.
ދެ ވަނަ ހާފު ފެށިގެން ދެ ޓީމުން ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިއިރު، ދެ ޓީމުގެ ގޯލްކީޕަރުން ވެސް ފެނުނީ ވަރަށް ހުށިޔާރުކޮށެވެ. ނަމަވެސް، މެޗުގެ 76 ވަނަ މިނިޓުގައި ޕުލިސިޗް ހުރަސްކޮށްލި ބޯޅައަކުން ރައިޓް ޖެހި ލަނޑުން ޔޫއެސްއޭއިން ފަރަގު ކުޑަކޮށްލިއެވެ.
ޔޫއެސްއޭއަށް ލިބުނު އުންމީދު ގެއްލި، ނެދަލެންޑްސްއަށް ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންވީ 81 ވަނަ މިނިޓުގައި ޑަމްފްރީސް ނެދަލެންޑްސް ގެ 3 ވަނަ ލަނޑު ޖެހުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް