އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްހޫރުގެ ދެ ވަނަ ސެގްމެންޓުގެ މަސައްކަތް ފަށައިފި އެވެ.
އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލު ކުރީ މިއަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު އެވެ.
އާރްޑީސީން ބުނީ މަޝްރޫއުގެ ދެވަނަ ސެގްމެންޓުގެ މަސައްކަތް ފަށައި މަގުގައިވާ ގާތަށް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއަށްފަހު އެ ސަރަޙައްދު ކޮނެ، މަގަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާނެ އެވެ.
އާރުޑީސީން މައުލޫމާތުދޭގޮތުގައި ދެވަނަ ސެގްމަންޓުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިރުދޭމާ ހިނގުމާ އަމީނީމަގު ގުޅޭ ކަންމަތިން ފެށިގެން ކަލާފާނު ހިނގުމާ އަމީނީމަގު ގުޅޭ ކަންމައްޗާއި ހިސާބަށެވެ. އެއީ ގާތްގަނޑަކަށް 136 މީޓަރުގެ ސަރަޙައްދެކެވެ.
އެ ކުންފުނިން ވަނީ އެ މަގު ހެދުމުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތްތަކުގެ ތެރެއިން ތާޜު އެޅުން ފިޔަވާ ހުރިހާ ކަމެއް ނިންމާލާފައި އެވެ. އެ ސެގްމެންޓުގައި ނިންމި މަސައްކަތްތަކުގެ ތެރޭގައި ފެނާ ނަރުދަމާ ހޮޅި އަޅައި، ސްޓޯމް ވޯޓަރ، ސިސްޓަމް އަދި ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ހިމެނެ އެވެ.
އަމީނީ މަގު ތަރައްގީ ކުރަން ނިންމާފައިވަނީ ތާރު އަޅައިގެންނެވެ. އާރުޑީސީން މައުލޫމާތު ދޭގޮތުގައި ތާރު އަޅަން ފަށާނީ ހެންވޭރު ކޮޅުން ފެށި މަސައްކަތް ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލާއި ހިސާބަށް ނިންމާލެވުމުންނެވެ.
އެ މަގުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތާރުއެޅުން ފިޔަވާ، ކޮންމެ ސެގްމަންޓެއްގެ މަސައްކަތް ނިމުމުން އެސަރަޙައްދެއްގެ ވެލިގަނޑު ލެވެލްކޮށް ޢާއްމުނަށް ހުޅުވާލާގޮތަށެވެ.
މިއީ 84 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މަސައްކަތް އެއްކޮށް ނިންމަން ޖެހެނީ 210 ދުވަހުގެ ތެރޭގައި އެވެ.
މަޝްރޫއު ނިމޭއިރު މުޅި އަމީނީ މަގުގެ 1.7 ކިލޯ މީޓަރުގައި ތާރުއަޅާނެއެވެ. އަދި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް