ފީފާ ވޯލްޑް ކަޕް 2022 ރައުންޑް އޮފް 16: އާޖެންޓީނާ - އޮސްޓްރޭލިއާ މެޗު ޕްރިވިޔު

ތާރީޚް: 4 ޑިސެމްބަރ 2022 ގަޑި: 00:00 ސްޓޭޑިއަމް: އަޙްމަދު ބިން ޢަލީ ސްޓޭޑިއަމް ފީފާ ރޭންކިންގ: އާޖެންޓީނާ (3)، އޮސްޓްރޭލިއާ (38) ހެޑް-ޓު-ހެޑް ނަތީޖާތައް: ފީފާ ވޯލްޑް ކަޕްގައި މި ދެ ޓީމުގެ ކުރިމަތިލުމެ...

03 Dec 2022 | 13:48

ތާރީޚް: 4 ޑިސެމްބަރ 2022

ގަޑި: 00:00

ސްޓޭޑިއަމް: އަޙްމަދު ބިން ޢަލީ ސްޓޭޑިއަމް

ފީފާ ރޭންކިންގ: އާޖެންޓީނާ (3)، އޮސްޓްރޭލިއާ (38)

ހެޑް-ޓު-ހެޑް ނަތީޖާތައް:

ފީފާ ވޯލްޑް ކަޕްގައި މި ދެ ޓީމުގެ ކުރިމަތިލުމެއް އަދި ނުފެނެއެވެ. އެހެނަސް، 2005 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަން ކަޕްގެ ގްރޫޕް ސްޓޭޖްގައި މި ދެ ގައުމު ވާދަކުރިއިރު، އެ މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބުކުރީ އާޖެންޓީނާއެވެ. 1993 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގެ އިންޓަކޮންޓިނެންޓަލް ޕްލޭއޮފްގައި މި ދެ ގައުމު 2 މެޗު ކުޅުނުއިރު، އޮސްޓްރޭލިއާގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެ، އާޖެންޓީނާގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކުރީ އާޖެންޓީނާއެވެ.

މެސީގެ ފަހު ވޯލްޑް ކަޕްގައި އާޖެންޓީނާއިން ވޯލްޑް ކަޕްގެ ތަށި ހޯދުމަށް މަރުދޭން ތައްޔާރަށް ތިބިއިރު، އޮސްޓްރޭލިއާއަށް އާޖެންޓީނާ ހިފަހައްޓާލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެނަސް، މި ފަހަރުގެ މުބާރާތުގައި "އަންޑަރޑޯގް" އެއްގެ ގޮތުގައި ބެލެވޭ ޓީމެއް އާދައިގެކޮށް ނުނެގުން ވަރަށް މުހިންމުކަމުގެ ފިލާވަޅު ލިބުނު ބޮޑެތި ޓީމުތަކުގެ ތެރެއިން އެއް ޓީމަކަށް އާޖެންޓީނާ ވާތީ، އެ މީހުން މިރޭގެ މެޗަށް ވަރަށް ބޮޑަށް ސަމާލުވާނެކަން ޔަގީނެވެ.

ގްރޫޕް މަރުހަލާގައި، ވޯލްޑް ކަޕްގެ ތާރީޚްގައި ވެސް ފެނުނު އެންމެ ހައިރާން ކުރަނިވި އެއް ބައްޔާއި ކުރިމަތިލާން ޖެހުނު އާޖެންޓީނާ، ސައޫދީ އަރަބިއާ އަތުން ވި އެ ބައްޔަށްފަހު، މެކްސިކޯ އާއި ޕޮލެންޑްއާ ދެކޮޅަށް މޮޅަށް ކުޅެ މޮޅުވެގެން، ދެ ވަނަ ބުރުގެ ޖާގަ ހޯދީ ގްރޫޕްގެ އެއް ވަނައިގައި ނިންމާލައިގެންނެވެ.

ދުނިޔޭގެ ރޭންކިންގ ގެ 35 ވަނައިގައި އޮތް އޮސްޓްރޭލިއާއަށް ބަލާއިރު، އެ ގައުމުން މިހާރު ވެސް އެ އޮތީ އުންމީދު ކުރިވަރަށްވުރެ މާ ފުރިހަމަ ނަތީޖާތަކަކާ އެކުގައެވެ.

އާޖެންޓީނާއިން މި މެޗާ ކުރިމަތިލާއިރު، އަރާމުކޮށްލަން ލިބުނީ އެންމެ 2 ދުވަހެވެ. އެކަމާ ގުޅިގެން އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނީ ވަނީ ފާޑު ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައެވެ. އަނެއްކޮޅުން ވޯލްޑް ކަޕްގެ ތާރީޚްގައި ވެސް ދެ ވަނަބުރަށް ދެވުނު 2 ވަނަ ފަހަރުކަމުން ލިބުނު އުފަލާއެކު ވެސް އޮސްޓްރޭލިއާއިން ވެސް މެޗާ ކުރިމަތިލާން ޖެހޭނީ އެކަށީގެންވާ މިންވަރަށް ހުސް ދުވަސް ނުލިބިއެވެ.

އާޖެންޓީނާއިން މި މެޗާ ކުރިމަތިލާއިރު، އެންމެ ފަހުން ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެންހެން ޑި މަރިއާއަށް އަނިޔާވެ ބަދަލުކުރަން ޖެހިފައިވުމަކީ އޮތް ކަންބޮޑުވުމެކެވެ. އޭނާ މި މެޗަށް ފިޓްވާނެކަމަށް ބެލެވުނަސް، ފަހަރެއްގައި އޭނާގެ ބަދަލުގައި ފުރަތަމަ 11 އިން އެހެން ކުޅުންތެރިޔަކު ފެނުން ވެސް ގާތެވެ.

މޮޅުވާ ބަޔަކު ވާދަކުރަން ޖެހޭނީ ކޮން ބަޔަކާ؟

ރައުންޑް އޮފް 16 ގެ މި މެޗުން މޮޅުވާ ގައުމެއް ވާދަކުރަން ޖެހޭނީ މިރޭ ރާއްޖެ ގަޑިން 20:00 ގައި ފަށާ މެޗުގައި ވާދަކުރާ ނެދަލެންޑްސް އާއި ޔޫއެސްއޭގެ ތެރެއިން މޮޅުވާ ގައުމަކާއެވެ.

ދުވަސްގެ ލަފާކުރުން:

މި މެޗަށް ދުވަސްގެ ލަފާކުރުމަކީ، 2-0 ގެ ނަތީޖާއިން އާޖެންޓީނާ މެޗު ކާމިޔާބު ކުރުމެވެ.

އާޖެންޓީނާ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

މާޓިނޭޒް، މޮލީނާ، އޮޓަމެންޑީ، ރޮމޭރޯ، ޓެގްލިއާފިކޯ، މެކް އެލިސްޓާ، ފެނާންޑޭޒް، ޑި ޕައުލް، އަލްވަރޭޒް، މެސީ، ޑި މަރިއާ

އޮސްޓްރޭލިއާ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ރިޔާން، ކަރަސިޗް، ސޯޓާ، ރޯލެސް، ބެހިޗް، މޫއީ، ލެކީ، އިރްވީން، މެކްގްރީ، ގުޑްވިން، ޑޫކް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް