ތާރީޚް: 3 ޑިސެމްބަރ 2022
ގަޑި: 20:00
ސްޓޭޑިއަމް: ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް
ފީފާ ރޭންކިންގ: ނެދަލެންޑްސް (8)، ޔޫއެސްއޭ (16)
ހެޑް-ޓު-ހެޑް ނަތީޖާތައް:
މިއީ ވޯލްޑް ކަޕްގައި މި ދެ ގައުމުގެ ކުރިމަތިލުމެއް ފެންނަ ފުރަތަމަ ފަހަރެވެ.
ނޮކް-އައުޓް ސްޓޭޖްގެ ފުރަތަމަ މެޗުގައި މިރޭ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ނެދަލެންޑްސް އިން ޔޫއެސްއޭއާ ދެކޮޅަށް ނުކުންނައިރު، އެ ގައުމުގެ އަމާޒަކަށް މުބާރާތް ކާމިޔާބު ކުރެވިދާނެފަދަ ޓީމެއްކަން ސާބިތުކޮށްދިނުމެވެ. އެ ގައުމަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފައިވާ ގައުމެކެވެ.
ލުއިސް ވެން ހާލްގެ ނެދަލެންޑްސް އިން ގްރޫޕް މަރުހަލާ ނިންމާލީ ގްރޫޕްގެ 1 ވަނައިގައެވެ. އެ ގައުމުން 7 ޕޮއިންޓް ހޯދިއިރު، ސެނެގާލް އާއި ގަތަރު ބަލިކުރިއެވެ. އެއްވަރުވީ އެކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗެވެ.
ނެދަލެންޑްސް އިން ގްރޫޕް މަރުހަލާގައި ކާމިޔާބީތައް ހޯދިޔަސް، އެ ގައުމުގެ ނަން މަޝްހޫރު ތަރިންގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނެއެވެ. އެ ގައުމަށް ގްރޫޕް މަރުހަލާގައި ލިބުނު ކާމިޔާބީގެ އަސްލަކީ ރަނގަޅު ފޯމެއްގައި ހުރި ޒުވާން ކުޅުންތެރިޔާ ކޯޑީ ގަކްޕޯގެ ލަނޑުތަކެވެ.
މިއީ، ނެދަލެންޑްސް އަށްވުރެ ބަލިކަމަށް ބެލެވޭ ޔޫއެސްއޭއަށް އޮތް ހިތްހަމަޖެހުމެކެވެ. މުބާރާތް ކާމިޔާބު ކުރެވިދާނެކަމަށް ބަލާ ގައުމުތަކުގެ ލިސްޓުގައި ޔޫއެސްއޭ ނެތަސް އެ ގައުމުން ގްރޫޕް ސްޓޭޖްގައި އުންމީދު ކުރި ވަރަށްވުރެ ރަނގަޅު ކުޅުމެއް ދެއްކިއެވެ. ވަރުގަދަ އިންގްލެންޑް މޮޅުވިޔަ ނުދީ ހިފެއްޓިއިރު، އިރާން އަތުން މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ. ވޭލްސްއާ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވީއެވެ.
މިރޭގެ މެޗަށް ނުކުންނައިރު، ޔޫއެސްއޭއަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ އެ ގައުމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކްރިސްޓިއަން ޕުލިސިޗަށް ދިމާވެފައިވާ އަނިޔާގެ މައްސަލައެވެ. ޕެލްވިކް އިންޖަރީއެއްގައި އޭނާ ހުރިއިރު، ޔޫއެސްއޭއިން އަންނަނީ ދުވަހުން ދުވަހަށް އޭނާގެ ހާލަތު ވަޒަންކުރަމުންނެވެ. އެހެނަސް، ބަލި ޓީމެއްގެ ގޮތުގައި އަމިއްލަޔަށް ނުދެކޭނެކަމަށް ޔޫއެސްއޭގެ ކޯޗު ވަނީ ބުނެފައެވެ.
"މިއީ ވަރަށް ރަނގަޅު ފުރުސަތެއް. އެހެނަސް، މިއީ ހަމައެކަނި ޝަރަފެއްގެ ގޮތުގައި އަހަރެމެން ނުވިސްނަން. މި ހިސާބަށް އައުން އަހަރެމެންނަށް ހައްޤު. އަދި ބޭނުމީ ކުރިޔަށް ދާން. ހޮނިހިރު ދުވަހު އެނބުރި ރަށަށް ދާކަށް ބޭނުމެއް ނޫން" ޔޫއެސްއޭގެ ކޯޗު ބުންޏެވެ.
ނެދަލެންޑްސް އަށް ބަލާއިރު، އެ ގައުމުން ކާމިޔާބީއަށް ވާޞިލުވުމަށް އެންމެ މުހިންމު ކުޅުންތެރިންނަކީ ފްރެންކީ ޑި ޔޯން އާއި މެމްފިސް ޑިޕާއީ އެވެ. ޑި ޔޯން މެދުތެރެއިން މޮޅަށް ކުޅޭނަމަ، ޑިޕާއީ އެޓޭކިންގ ލައިންގައި ޔޫއެސްއޭއަށް ހޫނު ހަމަލާތައް ފޮނުވާލާނަމަ، ނެދަލެންޑްސްއަށް މެޗު ކާމިޔާބުވުން ގާތެވެ.
މޮޅުވާ ބަޔަކު ވާދަކުރަން ޖެހޭނީ ކޮން ބަޔަކާ؟
ރައުންޑް އޮފް 16 ގެ މި މެޗުން މޮޅުވާ ގައުމެއް ވާދަކުރަން ޖެހޭނީ އާޖެންޓީނާ އާއި އޮސްޓްރޭލިއާ ކުޅޭ މެޗުން މޮޅުވާ ގައުމަކާއެވެ. އާޖެންޓީނާ – އޮސްޓްރޭލިއާ މެޗު މިރޭ ރާއްޖެ ގަޑިން ދަންވަރު 12:00 ގައި ފަށާނެއެވެ.
ދުވަސްގެ ލަފާކުރުން:
މެޗަކުން އަދި ބަލިނުވާ ޔޫއެސްއޭ އާއި ނެދަލެންޑްސް ކުރިމަތިލާއިރު، މިރޭގެ މެޗުން ދާދި ހަމަހަމަ ކުޅުމެއް ފެންނާނެކަމަށް ގަބޫލުކުރެވެއެވެ. ދުވަސްގެ ލަފާކުރުމަކީ، މެޗު 0-0 ގެ ނަތީޖާއިން ނިމި، ޕެނަލްޓީ އިން ޔޫއެސްއޭ މޮޅުވުމެވެ.
ނެދަލެންޑްސް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:
ނޮޕާޓް، ޓިމްބާ، ވެން ޑައިކް، އަކޭ، ޑަމްފްރީސް، ޑެ ރޫން، ޑި ޔޯން، ބްލިންޑް، ކްލާސެން، ގަކްޕޯ، ޑިޕާއީ
ޔޫއެސްއޭ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:
ޓާނާ، ޑެސްޓް، ކާޓާ، ރީމް، ރޮބިންސަން، މެކްކެނީ، އެޑަމްސް، މޫސާ، ވެއާ، ސާޖެންޓް، ޕުލިސިޗް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް