ކައިވެންޏަށް އެދި މެސެޖުކޮށް ގުޅާވަރުން މިހާރު ކުރިޔަށްދާ ފީފާ ވޯލްޑްކަޕްގައި ސައުތް ކޮރެއާ ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިއެއްގެ ފޯނު ނުހުޅުވިގެން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެ ކުޅުންތެރިއަކީ ޗު ގީ-ސަން އެވެ. އޭނާއަކީ ސައުތް ކޮރެއާ ޓީމުގެ ސްޓްރައިކަރެކެވެ.
ފުޓުބޯޅަ ޓީމާއި އެކު އެއް ކޭމްޕެއްގައި ހުރި މީހަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ގީ-ސަން، އަންހެން ވެރިންނަށް މާ ބޮޑަށް އިޝްތިހާރުވެގެން ދިޔައީ މި މުބާރާތުން ޓީވީން ފެންނަން ފެށުމުންނެވެ. އޭގެ ފަހުން މިހާރު އޭނައަށް އެކަން ބޮޑު ވޭނަކަށް ވެފައިވާކަމަށް ބުނެފައިވެ އެވެ.
އެގޮތުން އަންހެނުން ގުޅާވަރުން ފޯނު ހުޅުވާފައި ނުބޭއްވޭ ކަމަށް ބުންޏެވެ. ކޮންމެ މީހަކުވެސް ގުޅާފައި ގީ-ސިންއަށް ހުށަހަޅަނީ ކައިވެނި ކަމަށް ބުނެފައިވެ އެވެ.
މީހަކު އެ ފޯނަށް ނުގުޅާ ވަގުތެއް ނަމަ ފޯނަށް މެސެޖު އަންނަ އަޑު ނޫން އަޑެއް ނީވޭ ކަމަށްވެ އެވެ. އެކަމާއި ހެދި ރޭގަނޑު ހަމަނިދި ނުލިބޭ ކަމަށް ބުނެ އެ ޓީމުގެ ކުޅުންތެރިން ޖޯކު ޖަހައި ވާހަކަ ދައްކާފައިވެ އެވެ.
ޓީމުގެ އެހެން މެމްބަރުންނަށް އުނދަގޫވާތީ މިހާޜު އެ ފޯނު ގިނައިން އޮންނަނީ ނިއްވާލާފައި ކަަމަށް ރިޕޯޓުތައް ބުނެ އެވެ.
ވޯލްޑުކަޕުން ފެންނަން ފެށިފަހުން މިހާރު އޭގެ އަސަރު ގީ-ސިންގެ އިންސްޓަގްރާމުންވެސް ފެންނަމުންދާ ކަމަށް ބުންޏެވެ. ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ ޖުލައިން ފެށިގެން މިހާތަނަށް އޭނާ އިންސްޓަގްރާމްގައި ކޮށްފައިވަނީ އެންމެ ފަސް ޕޯސްޓެވެ.
ވޯލްޑްޕަކްގައި ސައުތް ކޮރެއާ ކުޅުނު ފުރަތަމަ މެޗާއި ހަމައަށް އޭނާގެ ފޮލޯވަރުންގެ އަދަދު އުޅެނީ އެންމެ 20،000 ގައި އެވެ. އެކަމަކު މިހާރު އެ އަދަދު 1.6 މިލިއަނަށް އަރާފައިވުމަކީ ގީ-ސަން އަންހެނުންގެ މެދުގައި މަގުބޫލުވި ވަރުކަމަށް ބުނެފައިވެ އެވެ.
އޭނާ ރީތިވުމާއި އެއްވަރަށް ޓީމަށްވެސް ދަނީ ކުރިއެރުން ހޯދައި ދެމުންނެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ގާނާ އާއި ބައްދަލު ކުރި މެޗުގައި ގީ-ސަން ވަނީ ދެ ގޯލު ސައުތް ކޮރެއާއަށް ޖަހައިދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް