މިހާރު ގަތަރުގައި ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް 2022 ގެ ދެވަނަ ބުރުގެ މެޗުތަކުގެ ކުޅުން މިރޭ ފެށޭނެއެވެ.
ދެވަނަ ބުރުގެ މެޗުތައް މިރޭ ފެށޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނެދަލެންޑްސް އާއި އެމެރިކާއެވެ. މި ދެޓީމުން ދެވަނަ ބުރުގެ ފުރުސަތު ހޯދި ގޮތަށް ބަލާއިރު، މިފަހަރުގެ މުބަރާތުގައި ނެދަލެންޑްސް ހިމެނުނީ މުބާރާތް ބާއްވާ ގައުމު ގަތަރާއި ސެނެގާލް އަދި އިކުއެޑޯއާއި އެކު ގުރުޕް އޭގައެވެ.
ނެދަލެންޑްސް ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕު ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެގޮތުން އެ ގުރޫޕުން ތިން މެޗު ކުޅުނުއިރު، ދެ މެޗުން ވަނީ މޮޅުވެފައެވެ. އަދި އެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެހެން ކަމުން ނެދަލެންޑްސް ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
އެމެރިކާއަށް ބަލާއިރު، އެޓީމު ހިމެނުނީ އިންގްލެންޑާއި، އީރާން އަދި ވޭލްސްއާއި އެކު ގުރޫޕް ބީގައެވެ. އެމެރިކާއިން ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެއެވެ. އެގޮތުން އެއް މެޗުން މޮޅުވިއިރު، އަނެއް ދެމެޗުން ވީ އެއްވަރެވެ. އެހެން ކަމުން އެޓީމު ދެވަނަ ބުރަށް ދަތުރުކުރީ ފަސް ޕޮއިންޓާއި އެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި އޮސްޓްރޭލިއާއެވެ. މި ދެޓީމުން ދެވަނަ ބުރަށް ދިޔަ ގޮތައް ބަލާއިރު، އާޖެންޓީނާ ހިމެނުނީ ޕޮލަންޑް، ސައޫދީ އަރަބިއާ އާއި މެކްސިކޯއާއި އެކު ގުރޫޕް ސީގައެވެ. އާޖެންޓީނާއިން ގުރޫޕް ސްޓޭޖުގައި ތިން މެޗު ކުޅުނުއިރު، ދެ މެޗުން ވަނީ މޮޅުވެފައެވެ. އަދި އެއް މެޗުން ވަނީ ބަލިވެފައެވެ. އެ ޓީމުން ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ލިބިގެން ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
އޮސްޓްރޭލިއާއަށް ބަލާއިރު، އެޓީމު ހިމެނުނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާއި ޓިއުނީޝިއާ އަދި ޑެންމާކް އާއި އެކު ގުރޫޕް ޑީގައެވެ. އޮސްޓްރޭލިއާއިން ގުރޫޕް ސްޓޭޖުގައި ތިން މެޗު ކުޅުނުއިރު، އެޓީމުން ވަނީ ދެމެޗުން މޮޅުވެފައެވެ. އަދި އެއް މެޗުން ވަނީ ބަލިވެފައެވެ. އެހެން ކަމުން އޮސްޓްރޭލިއާއަށް ދެވަނަ ބުރުން ފުރުޞަތު ލިބުނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބިގެން ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ވޯލްޑް ކަޕްގައި ވާދަކުރި 32 ޓީމުގެ ތެރެއިން ގަދަ 16 އަށް ދަތުރުކުރި ޓީމުތަކަކީ، ނެދަލެންޑްސް، ސެނެގާލް، އިނގިރޭސިވިލާތް، އެމެރިކާ، ފްރާންސް، އޮސްޓްރޭލިއާ، އާޖެންޓީނާ، ޕޮލެންޑް، މޮރޮކޯ، ކްރޮއޭޝިއާ، ޖަޕާން، ސްޕެއިން، ބްރެޒިލް، ސްވިޒަލޭންޑް، ދެކުނު ކޮރެއާ އަދި ޕޯޗުގަލް އެވެ.
ދެވަނަ ބުރުގެ މެޗުތަކުގެ ކުޅުން މިރޭ ފެށޭއިރު، މިރެ ކުޅޭ މެޗުތައް
20:00 / ނެދަލެންޑްސް - އެމެރިކާ
00:00 / އާޖެންތީނާ - އޮސްޓްރޭލިއާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް