ބޮލީވުޑްގެ ބަތަލް ޝާހްރުކް ހާން އުމްރާގެ އަޅުކަން އަދާ ކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުން ލޯބި އޮއްސަމުން އެބަދެ އެވެ.
ޝާހްރުކް ހާން އުމްރާވީ އޭނާގެ ކުރިޔަށް އޮތް ފިލްމު "ޑަންގީ" ގެ ޝޫޓިން ސައުދީ އަރަބިއްޔާގައި ނިންމާލުމަށް ފަހު މިދިޔަ މަހުގެ30 ވަނަ ދުވަހު އެވެ. ޝާހްރުކް އުމްރާގެ އަޅުކަން އަދާ ކުރަން މާތް ވެގެންވާ ހަރަމްފުޅު ތެރޭގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ދައުރުވެ ހަބަރުތަކަށް އެރީންސުރެ އޭނާއަށް އާންމުންގެ ފަރާތުން ކުރަމުންދާ ތައުރީފު އަދިވެސް ނިމުމަކަށް ނާދެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަދިވެސް ސަޕޯޓަރުން ދަނީ ޝާހްރުކް އުމްރާވުމުން އެކަން ފާހަގަކޮށް އެ ވާހަކަ ދައްކަމުންނެވެ. އެގޮތުން ބައެއް މީހުންނަށް އުފަލުން ރޮވުނު ކަމަށާއި ހަޔާތުގައި މިހާތަނަށް ޝާހްރުކަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ވަގުތުގެ ބޭނުން ހިފައި އުމްރާގެ އަޅުކަން އަދާ ކުރުން ކަމަށް ތާއީދުކޮށް ވާހަކަ ދެއްކި މީހުން ބުނެފައިވާ ކަމަށެވެ.
އަދި އެ ވާހަކަ ޖެހި ހަބަރުތައް ހިތް އިމޯޖީން ފުރާލަމުންދާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.
ޝާހްރުކް ވަނީ "ޑަންގީ" ގެ ޝޫޓީން ނިންމާލެވުނީ ވަރަށް ބޭނުންވި ގޮތަށް ހިތްހަމަ ޖެހިގެން ކަމަށް ބުނެފައި އެވެ. އެ ފިލްމުގެ ޝޫޓިން ޝެޑިއުލާއި އެއްގޮތަށް ރިޔާދުގައި ކުރިޔަށް ގެންދިއުމަށް ސައުދީގެ ކަލްޗަރަލް މިނިސްޓްރީން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައިވެ އެވެ.
އުމްރާވުމަށް ފަހު ސައުދީ ދަތުރު ނިންމާލުމުގެ ކުރިން ޝާހްރުކް ވަނީ ޖިއްދާގައި އޮތް ރެޑްސީ ފިލްމް ފެސްޓިވަލްގައިވެސް ބައިވެރިވެފައި އެވެ.
ތާޕްސީ ޕަންނޫ އާއި އެކު ޝާހްރުކް ފެނިގެންދާ ފިލްމު "ޑަންގީ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް