އިންޑޮނީޝިއާގައި ބިދޭސީން ހިމެނޭހެން ޒިނޭ ކުރާ މީހުންގެ އަދަބު ބޮޑު ކުރަނީ

އިންޑޮނީޝިއާގައި ޒިނޭ ކުރާ މީހުންނަށް ދޭ އަދަބު ބޮޑު ކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. އެ ގައުމުގެ ސިޔާސީ ލީޑަރެއް ކަމަށްވާ ބަންބަންގް ވުރިއަންޓޯ ވިދާޅުވީ ކުރިޔަށް އޮތް ހަފްތާގައި މި ބިލް ގާ...

03 Dec 2022 | 06:09

އިންޑޮނީޝިއާގައި ޒިނޭ ކުރާ މީހުންނަށް ދޭ އަދަބު ބޮޑު ކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އެ ގައުމުގެ ސިޔާސީ ލީޑަރެއް ކަމަށްވާ ބަންބަންގް ވުރިއަންޓޯ ވިދާޅުވީ ކުރިޔަށް އޮތް ހަފްތާގައި މި ބިލް ގާނޫނު ހަދާ މަޖިލީހުން ފާސްވާނެ ކަމަށެވެ. މި ބިލުގައި ވާގޮތުން އެ ގާނޫނުގެ ދަށުން އެ ގައުމުގެ ރައްޔިތުންނާއި އިންޑޮނީޝިއާއަށް ޒިޔާރަތް ކުރާ ބިދޭސީންނަށްވެސް އެ ހުކުމް ތަންފީޒު ކުރާނެ އެވެ.

އެ އިސްލާހުގައި ވާގޮތުން ޒިނޭގެ ތުހުމަތުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރާނީ އެފަދަ މައްސަލައެއް އާންމުންގެ މީހަކު ފުލުހުންނަށް ހުށަހަޅައިފި އެވެ. ހުސްހަށިބައި، ފިރިހެން ނުވަތަ އަންހެން ދަރިފުޅު ޒިނޭ ކުރި ކަމުގެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު މައިންބަފައިންނަށް އޮވެ އެވެ.

ކައިވެނި ކޮށްގެން އުޅޭ ދެމީހުންގެ ތެރެއިން މީހަކު ޒިނޭ ކޮށްފި ނަމަ އެ މައްސަލައެއް ބަލައިގެންނާނީ ހަމައެކަނި ފިރިމީހާ ނުވަތަ އަނބިމީހާ އެކަން ފުލުހުންނަށް ހުށަހެޅުމުންނެވެ.

ޒިނޭގެ ތުހުމަތު ސާބިތުވެއްޖެ ނަމަ އަދަބުގެ ގޮތުގައި އިސްލާމީ ޝަރީއާ އާއި އެއްގޮތަށް ހައްދު ޖެހުމުގެ އިތުރުން ހަ މަހާއި އެއް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލާން ހުކުމް ކުރުމަށް އިސްލާހުގައި ވަނީ ހިމަނާފައި އެވެ.

މި އިސްލާހާއި ގުޅިގެން އެ ގައުމުގެ ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެމީހުން ބުނަމުން ދަނީ މިފަދަ ގާނޫނެއް ތަންފީޒު ކުރަންވާނީ އެ ގައުމުގެ ރައްޔިތުންނަށް އެކަނި ކަމަށެވެ.

ބިދޭސީންނަށް މި ހުކުމް ތަންފީޒު ކުރުން ވެގެންދާނީ ޓޫރިޒަމަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.

މިހާރުވެސް އެ ގައުމުގެ އަޗޭ ޕްރޮވިންސްގައި ޒިނޭ ކުރާ މީހުންނަށް އިސްލާމީ ޝަރީއާ އާއި އެއްގޮތަށް ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ހައްދު ޖަހަ އެވެ. އަދި ރާ ބޯ މީހުންނާއި ދެ ޖިންސު މަސްހުނިވެގެން ޕާޓީ ކުރާ ނަމަވެސް ކުށް ސާބިތުވެއްޖެ ނަމަ ހައްދު ޖަހަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް