ފީފާ ވޯލްޑް ކަޕް 2022: ކެމަރޫން އިން ބްރެޒިލް ބަލިކުރިއިރު، ސްވިޒަލެންޑް ދެ ވަނަ ބުރަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގުރޫޕް ޖީގެ ފަހު މެޗުގައި ރޭ ކެމަރޫން އިން ބްރެޒިލް ބަލިކުރި އިރު، ސާބިއާ ބަލިކޮށް ސްވިޒަލެންޑުން ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ. ގުރޫޕް ޖިގައި ރޭ ކުޅުނު ގުރޫޕުގެ ފ...

03 Dec 2022 | 02:03

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގުރޫޕް ޖީގެ ފަހު މެޗުގައި ރޭ ކެމަރޫން އިން ބްރެޒިލް ބަލިކުރި އިރު، ސާބިއާ ބަލިކޮށް ސްވިޒަލެންޑުން ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ގުރޫޕް ޖިގައި ރޭ ކުޅުނު ގުރޫޕުގެ ފަހު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މާ ކުރިންވެސް ދެވަނަ ބުރު ޔަގީންވެފައި އޮތް ބްރެޒިލް ވަނީ 0-1 ގެ ނަތީޖާއިން ކެމްރޫން އަތުން ބަލިވެފައެވެ. މ މެޗުން ކެމަރޫން މޮޅުވި ނަމަވެސް އެޓީމަށް ލިބެނީ ހަތަރު ޕޮއިންޓާއި އެކު ގުރޫޕުގެ ތިންވަނައެވެ. އެހެން ކަމުން އެޓީމަށް މިހާރު ވަނީ މުބާރާތް ނިމިފައެވެ. އަދި ރޭ ގުރޫޕުގެ އެންމެ ފަހު މެޗުގައި ، މޮޅުވުން މަޖުބޫރު މެޗުގައި ސްވިޒަލެންޑުން ވަނީ 2-3 އިން ސާބިއާ ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފައެވެ.

ރޭގެ ނަތީޖާތަކާއި އެކު ގުރޫޕް ޖީއިން އެއްވަނަ ލިބުނީ ހަ ޕޮއިންޓާއި އެކު އޮތް ބްރެޒިލް އަށެވެ. އަދި ސްވިޒަލެންޑަށް ވެސް މި އަދަދަށް ޕޮއިންޓް ލިބުނުއިރު، ބްރެޒިލް އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ޒްވިޒަލެންޑަށް ވެސް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ސްވިޒަލެންޑު އަތުން ބަލިވި ސާބިއާ އޮތީ އެންމެ ޕޮއިންޓަކާއި އެކު ގުރޫޕުގެ އެންމެ ފުލުގައެވެ.

ދެ ވަނަ ބުރުގައި ބްރެޒިލް ނުކުންނާނީ ގްރޫޕް އެޗްގެ ދެ ވަނަ ހޯދި ދެކުނު ކޮރެއާއާ ދެކޮޅަށެވެ. ގުރޫޕުގެ ދެވަނަ ހޯދި ސްވިޒަލެންޑު ނުކުންނާނީ ގްރޫޕް އެޗްގެ އެއް ވަނަ ހޯދި ޕޯޗުގަލްއާ ދެކޮޅަށެވެ.

ބްރެޒިލް ޓީމުން ރޭ ކެމަރޫނާއި ދެކޮޅަށް ނުކުތީ އެ ޓީމުގެ ފުރަތަމަ އެގާރަ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން އާންމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކު ފުރަތަމަ އެގާރާގައި ހިމަނާފައެއް ނުވެއެވެ.

ބްރެޒިލް ޓީމުން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. ނަމަވެސް ބްރެޒިލްގެ ގިނަ ހަމަލާތަކުގެ ހުރަހަކަށް ވީ ކެމަރޫންގެ ކީޕަރު ޑާވިސް އެޕަސީ އެވެ. މެޗުގެ ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނުއިރު ކެމަރޫން އިން ބްރެޒިލްގެ މައްޗަށް ކުރި ހޯދި ހަމަ އެކަނި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ވިންސެންޓް އަބޫބަކާރެވެ. މި ލަނޑަށް ފަހު ޖޯޒީބާލައިގެން އަބޫބަކާރު އުފާ ފާޅުކުރިއިރު، އޭނާއަށް ރެފްރީ ވަނީ ދެވަނަ ރީނދޫކާޑާއި އެކު ރަތް ކާޑެއްވެސް ދައްކާފައެވެ. މި މެޗުގައި އޭނާއަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ މެޗުގެ 81 ވަނަ މިނެޓުގައި ކުރި ފައުލަކާއި ގުޅިގެންނެވެ.

މި ގުރޫޕުގައި ހިމެނޭ ސްވިޒަލެންޑު އަދި ސާބިއާ ބައްދަލުކުރި މެޗު ފެނިގެން ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޒެރްޑަން ޝަގީރީ ޖެހި ގޯލުން ސްވިޒަލެންޑް ލީޑު ނެގި ނަމަވެސް ސާބިއާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހާ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު އަލެކްސަންޑަ މިޓްރޮވިޗް ޖަހައިިދިންއިރު، ސާބިއާގެ ދެ ވަނަ ލަނޑު ޖަހައިދިނީ ޑޫސާން ވްލަހޯވިޗް އެވެ. ސްވިޒަލެންޑުން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ބްރީލް އެމްބޯލޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ފުރަތަމަ ހާފު ދެ ޓީމުން ވެސް އެއްވަރެއްގައި އޮވެ ނިމުނުއިރު، ސްވިޒަލެންޑަށް މި މެޗުން މޮޅުވި ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފް ފެށިތާ ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައެވެ. އެގޮތުން މެޗުގެ 48 ވަނަ މިނެޓުގައި މި ލަނޑު ސްވިޒަލެންޑަށް ޖަހައިދިނީ ރެމޯ ފްރެއޮލާއެވެ.

މުބާރާތުގެ ދެވަނަ ބުރުގެ މެޗުތަކުގެ ކުޅުން މިރޭ ފެށޭނެއެވެ. އެގޮތުން ދެވަނަ ބުރުގެ ދެ މެޗެއް މިރޭ ކުޅޭއިރު، ރާއްޖޭ ގަޑިން މިރޭ އަށެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނި ނެދަލެންޑްސް އާއި އެމެރިކާއާއެވެ. އަދި މިރޭ ދަންވަރު 12 ޖަހާއިރު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އާޖެންޓީނާއާއި އޮސްޓްރޭލިއާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް