ކާބަފައިން ހަތިޔާރުގެ އަޅުވެތިކަމުން މިނިވަން ކޮށްދިން، މިހާރު ދަރަނިން ޤައުމު މިނިވަންކުރަންޖެހޭ: ރައީސް

03 Nov 2026 | 18:22
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެވޭ ގޮތަށް މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތައް ގެނައުން ލާޒިމުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތާރީޚަށް ބަލާއިރު ރާއްޖޭގެ މިނިވަންކަން ގެއްލުވައިލުމަށް ދެވުނު ކޮންމެ ހަމަލާއެއްގެ ފަހަތުގައި ވެރިކަމުގެ ދަހިވެތިކަމުގައި ތިބި ދިވެހީންތަކެއް ހިމެނޭ ކަމަށެވެ. އެ ހަމަލާތަކުގައި ޝަހީދުވެގެން ދިޔަ ބޭފުޅުން ފުރާނައިން ގުރުބާންވީ ވަޠަނުގެ މިނިވަންކަމާއި ކުރިމަގު އިސްކުރައްވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިޒަމާނުގައި ދީނާއި އަމިއްލަ ގޮތް ހިމާޔަތްކުރެވޭނީ އިޤުތިޞާދީ ގޮތުން ބާރުވެރިވެގެން ކަމަށް ވިދާޅުވެ، ކާބަފައިން ހަތިޔާރުގެ އަޅުވެތިކަމުން ޤައުމު ސަލާމަތްކޮށްދެއްވި ފަދައިން ދަރަނީގެ އަޅުވެތިކަމުން މިންޖުވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ޤައުމުތައް ތަރައްޤީގައި ކުރިއަރައިދާ މަންޒަރު ބަލަން ތިބުމުގެ ބަދަލުގައި ރައްޔިތުން އެދޭ ފުދުންތެރިކަމަށް މަސައްކަތްކުރުން ނޫން ގޮތެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ފުރިހަމަ ޔަޤީން ކަމަކީ ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާންވަންތަކަން، ދިވެހީންގެ ފުރިހަމަ މިނިވަންކަން، ދިވެހީންގެ އަމިއްލަވަންތަކަން ފަދަ ޤައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އަޅުގަނޑު އެއްވެސް ކަމެއް ނުކުރާނަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެން އިޢުލާނުކުރެއްވި ޤައުމީ ސިޔާސަތުތައް ހަނދާނުގައި އެބަހުރި ކަމަށާއި، އެ ސިޔާސަތުތައް ތަންފީޒުވަމުންދާ ކަމަށެވެ. އެމަނިކުފާނު ނިންމަވާ ކޮންމެ ނިންމެވުމެއް ވާނީ ޤައުމީ ބަހާތަކަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމުގެ މައްޗަށް ބިނާވެފައިވާ ނިންމެވުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް