މިއީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރި އަރާ ދުވަސް: ރައީސް މައުމޫން

03 Nov 2026 | 07:22
މިއީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރި އަރާ ދުވަސް: ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ޖައްސަވާފައިވާ ޕޯސްޓެއްގައި ހުރިހާ ދިވެހި ރައްޔިތުންނަށް ހެޔޮ އެދުންތައް ދަންނަވައި، ދިވެހި ރާއްޖެ ފުރިހަމަ މިނިވަން މުސްލިމް ޤައުމެއްގެ ގޮތުގައި އަބަދަށްޓަކައި ލަހައްޓަވައިދެއްވުމަށް ދުޢާކުރައްވައިފިއެވެ.

ރައީސް މައުމޫން ވިދާޅުވީ، ނޮވެމްބަރު 3 އަކީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރި އަރާ ދުވަހެއް ކަމަށެވެ. މިއީ ދިވެހިންގެ ހިތްވަރާއި ފަންވަރު އެންމެ ފުރިހަމަ ގޮތުގައި ވިދާ ބަބުޅާ ދުވަހެއް ކަމަށްވެސް އެމަނިކުފާނު ސިފަކުރައްވާފައިވެއެވެ.

"ދިވެހި ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތު ވެގެންދާ ދުވަހެކެވެ. މިދެންނެވީ މީގެ 38 އަހަރު ކުރިން ލޮބުވެތި ދިވެހި ރައްޔިތުން މުޅިދުނިޔެއަށް ސާބިތު ކޮށް ދެއްވާފައިވާ ޙަޤީޤަތްތަކެކެވެ" ކަމަށް ރައީސް މައުމޫން ލިޔުއްވާފައިވެއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ ފަތިހު މާލެއަށް ޢުދުވާނީ ހަމަލާ ދިން އިރު، ދިވެހި ރާއްޖޭގެ ރައީސްކަމުގައި ހުންނެވީ ރައީސް މައުމޫނެވެ. އެ ހަމަލާ ދިނީ ސްރީލަންކާގެ ތަމިޅު ބަޣާވާތްތެރި ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ތަމިޅު އީލަމް (ޕްލޯޓް) ގެ ހަތިޔާރު އުފުލާފައިވާ ކުލީގެ ސިފައިންނެވެ. އެ ހަމަލާގެ ފަހަތުގައި ދިވެހި ވިޔަފާރިވެރިއެއް ކަމަށްވާ ޢަބްދުއްލާ ލުތުފީ ހިމެނެއެވެ.

ހަމަލާ ދިނުމާއެކު، ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެންއެސްއެސް) ގެ ހެޑްކުއާޓަރާއި ރޭޑިއޯ އަދި ޓީވީ ސްޓޭޝަން ހިފުމަށް ކުލީގެ ސިފައިން މަސައްކަތްކުރިއެވެ. ރައީސް މައުމޫން އެހީއަށް އެދިވަޑައިގަތުމުން، "އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި އިންޑިއާއިން ސިފައިން ފޮނުވިއެވެ. އިންޑިއާގެ ސިފައިން ހުޅުލެއަށް އައީ ނޮވެމްބަރު 3 ގެ ރޭގަނޑެވެ. ކުލީގެ ސިފައިން ފިލަމުން ދިޔައީ "ޕްރޮގްރެސް ލައިޓް" ނަމަކަށް ކިޔާ އުޅަނދެއްގައި ރަހީނުން ގެންގޮސްގެންނެވެ.

އެ ޢުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ. އޭގެ ތެރޭގައި އެންއެސްއެސްގެ އަށް ސިފައިން ހިމެނެއެވެ. އެ ހާދިސާގެ ހަނދާނުގައި ކޮންމެ އަހަރަކު ނޮވެމްބަރު 3 ފާހަގަކުރަނީ ނަޞްރުގެ ދުވަހުގެ ގޮތުގައެވެ. ރައީސް މައުމޫން، 1978 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް 30 އަހަރު ވަނީ ދިވެހި ރާއްޖޭގެ ރައީސްކަމުގައި ހުންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް