ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓުގައި ދެންނެވުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްކަމާއި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ 9:59 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ޝާހިދުގެ މައްޗަށް ކުރެވޭއިރު، އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހުޅުމާލޭ ރެއިންބޯ އޯޝަން ފްރޮންޓްގައި ޝާހިދު ދިރިއުޅުއްވާ އެޕާޓްމެންޓުން ނެރެ ފުލުހުންގެ ވެހިކަލްގައި ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށެވެ. އެއަށްފަހު ފުލުހުންގެ ކަސްޓަޑީ މަރުކަޒު ދޫނިދުއަށް ޝާހިދު ވަނީ ބަދަލުކޮށްފައެވެ.
ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް" ކަމަށާއި "މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދޭ" ކަމަށެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ލިބިވަޑައިގެންފައިވާ ޝާހިދު ގެންދަވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް