ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އިމާރާތެއް އެޅުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ސިފައިންގެ ތާރީހުގައި ހިންގާ އެންމެ ބޮޑު އުމްރާނީ މަޝްރޫއުގެ ގޮތުގައި ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އިމާރާތެއް އެޅުމަށް ޗައިނާގެ ރޯޓައިމް ކުންފުންޏާ ހަވާލުކޮށް، ދެ އަހަރު ތެރޭ ނިންމުމަށް އެއްބަސްވެއްޖެއެވެ.

03 Nov 2026 | 07:14
ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އިމާރާތެއް އެޅުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ދިވެހި ސިފައިންގެ ތާރީހުގައި ހިންގާ އެންމެ ބޮޑު އުމްރާނީ މަޝްރޫއުގެ ގޮތުގައި ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ ބިނާއެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާއެވެ. ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން ކުރިއަށް ގެންދާ މި މަޝްރޫއު ދެ އަހަރު ތެރޭ ނިންމުމަށް ކޮންޓްރެކްޓުގައި ކަނޑައަޅައިފައިވެއެވެ. ސިފައިންގެ އެކޮމޮޑޭޝަނާއި ލޮޖިސްޓިކްސް ބޭނުންތައް ފުއްދުމަށް ފަރުމާކޮށްފައިވާ މި ބިނާއަކީ ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަން ވަރުގަދަކުރުމުގެ ގޮތުން ހިންގާ މަޝްރޫއެކެވެ.

ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ނައިބު ފާތިމަތު މިޒްނާ އަލީއެވެ. ރޯޓައިމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޖޯ ވޭދޯންއެވެ.

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ހަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ގިޔާށް އާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކޮށް ވަސީލަތްތައް ގާއިމުކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަން އިއުލާނުކުރައްވައިފައެވެ. މި މަޝްރޫއު ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ 2028 ވަނަ އަހަރުގެ ނޮވެމްބަރުގެ ކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް