ޖީސަސް ޑެ މިގެލް --
ސްޕެއިނުގެ ދެވަނަ ޑިވިޝަނުގައި އެފްސީ އެންޑޯރާއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލް ކީޕަރާ ބޮޑު އެކްސިޑެންޓެއް ހިނގައި ލިބުނު ޒަޚަމްތަކާ ގުޅިގެން ޓެނެރީފޭގެ 30 އަހަރުގެ ފޯވާޑް ޖީސަސް ޑެ މިގެލް މަރުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ހިނގި މި ޙާދިސާއަށް ފަހު ޑެ މިގެލްގެ ހާލު ސީރިއަސް ނަމަވެސް ރަނގަޅުވަމުން އަންނަ ކަމަށް ފުރަތަމަ ޑޮކްޓަރުން ބުނެފައިވެ އެވެ. އޭނާގެ ޙާލު ސީރިއަސްވެ މަރުވީ އިއްޔެ ހެނދުނު ޢެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްޕެއިނުގެ ފުލުހުން ވަނީ ޑެ މިގެލްގެ މަރާ ގުޅިގެން ގަސްތެއް ނެތި މީހަކު މެރުމުގެ ތުހުމަތުގައި ތަހުގީގެއް ފަށައިފައެވެ. ސްޕެއިނުގެ ޤާނޫނު ބުނާ ގޮތުން ގުދުރަތީ ނޫން ކޮންމެ މަރެއް ދިމާވެއްޖެނަމަ ޝަރުޢީ ތަހުގީގެއް އޮޓޮމެޓިކުން ފެށޭނެއެވެ.
މި ޢެކްސިޑެންޓު ހިނގީ ދެ ޓީމު 2-2 އިން އެއްވަރުވެފައި އޮއްވައި، އެންޑޯރާގެ ގޯލް ކީޕަރު ޖީސަސް އޮވޯނޯ ސެންޓާ ސާކަލާ ދިމާއަށް ދުވެފައި ގޮސް ބޯޅަ ބޭރުކޮށްލަން އުޅުމުގެ ތެރޭގައި ޑެ މިގެލްގެ މޭމަތީގައި ކަކޫ ޖެހިގެންނެވެ. މި ޙާދިސާގައި ޢޭނާގެ ބޮލާއި މޭކަށިގަނޑަށް ގެއްލުންވި އެވެ.
ރެފްރީ ވަނީ އޮވޯނޯއަށް ސީދާ ރަތް ކާޑެއް ދައްކައި މެޗު މެދުކަނޑާލައިފައެވެ. ދެ ޓީމުގެ ކުޅުންތެރިން ވެސް ވަރަށް ބޮޑަށް ހިތާމަކޮށް، ޑެ މިގެލްގެ ޓީމުގެ އެތައް ކުޅުންތެރިންނެއް ރޮއެފައިވެއެވެ.
މި ހާދިސާއަށް ފަހު އޮވޯނޯ ވަނީ އިންސްޓަގްރާމްގައި 30,000 އަށްވުރެ ގިނަ ފޮލޯވާސް ތިބި އެކައުންޓް ޑީއެކްޓިވޭޓްކޮށްފައެވެ.
ޑެ މިގެލްގެ މަރާ ގުޅިގެން ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އިއްޔެ ކުޅެން ހަމަޖެހިފައި ހުރި ހުރިހާ މެޗުތަކެއް ފަސްކޮށްފައި އެވެ.
މެޑްރިޑުގައި އުފަންވި ޑެ މިގެލް 2015 ވަނަ އަހަރު ލެގަނެސްގައި ކެރިއަރު ފެށީ ފަހުން ލުގޯ، ފުއެންލަބްރާޑާ، މެޑްރިޑް ފަދަ ޓީމުތަކަށް ކުޅެފައިވެ އެވެ. 2025 ވަނަ އަހަރު ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޓެނެރީފޭއާ ގުޅި، 29 މެޗުގައި 11 ގޯލު ޖެހިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް