ހާދިސާގައި ނިޔާވި ދެ މުވައްޒަފުން -
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދެ މުވައްޒަފަކު
ނިޔާވި ހާދިސާއާއި ގުޅިގެން އެ ހާދިސާ ހިނގާދިޔަގޮތް ބެލުމަށް އެތެރޭގެ ތަޙުޤީޤެއް
ފަށާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްއިން މިހެން ބުނެފައިވަނީ މިއަދު ނެރުނު
ނޫސްބަޔާނެއްގައެވެ.
އެމްޕީއެލްގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކޮޅުވެއްޓި
ބަންޑުން ޖަހާލި ހާދިސާއާއި ގުޅިގެން، އެ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން މިހާރު
ވަނީ އެތެރޭ ތަޙުޤީޤެއް ފަށާފައި ކަމަށާއި އަދި ތަޙުޤީޤުން އެނގޭ މަޢުލޫމާތަށް ރިއާޔަތްކޮށް
އިތުރު މަޢުލޫމާތު އާންމުކުރާނެ ކަމަށެވެ.
އިއްޔެ އަސުރަށްފަހުގެ ވަގުތެއްގައި ހިނގި އެ
ހާދިސާގައި ކޮޅުވެއްޓި ބަންޑުން ޖަހާލީ އެ ކޮޅުވެއްޓިއަށް އެކްސްކަވޭޓަރުތަކެއް
ބަރުކުރަން އުޅުމުގެ ތެރޭގައެވެ.
އެ ވަގުތު އެ ކޮޅުވެއްޓީގައި 14 މީހަކު ތިބި ކަމަށް
ވެއެވެ. އެ 14 މީހުންގެ ތެރެއިން ހަ މީހަކަށް ފަރުވާދިނުމަށް އައިޖީއެމް
ހޮސްޕިޓަލަށް ގެންދިޔައެވެ. ބަންޑުން ޖަހާލި ވަގުތު އެކަކު ގެއްލުނުވެސް މެއެވެ.
އޭނާ ފެނުނީ ކޯސްޓްގާޑުގެ ޑައިވަރުންނަށެވެ.
އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި މީހުންގެ
ތެރޭގައި ހިމެނެނީ ހަތަރު ދިވެއްސަކާއި ދެ ބިދޭސީއެކެވެ. އޭގެން އެއް ބިދޭސީއަކު
އިއްޔެގެ ވަގުތެއްގައި ނިޔާވެފައިވާއިރު ރޭގެ ދަންވަރުގެ ވަގުތެއްގައި ދިވެއްސަކު ވަނީ
ނިޔާވެފައެވެ.
ނިޔާވެފައިވާ ދެމީހުންނަކީވެސް އެމްޕީއެލްގެ
މުވައްޒަފުންނެވެ. އެ ދެ މުވައްޒަފުންނަކީ އެ ކުންފުނީގައި 2022 އިން ފެށިގެން
ލޭބަރާއެއްގެ ވަޒީފާ އަދާކުރަމުންދިޔަ، ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން
32 އަހަރުގެ މަސޫދު ހޮސެއިން އާއި އެ ކުންފުނީގައި މިދިޔަ އަހަރުން ފެށިގެން ލޭބަރާއެއްގެ
ވަޒީފާ އަދާކުރަމުންދިޔަ، ގއ. ގެމަނަފުށި، ދިލްބަހާރުގޭ، އުމުރުން 25 އަހަރުގެ ޢަލީ
އަފްލާޙެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވި ދެ މުވައްޒަފުގެ ޢާއިލާއަށް
އެމްޕީއެލްގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ދަންވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް