ރެގިއުލޭޓް ކުރި ނަމަވެސް ވޭޕް އެކުގައި މަނާ ނުކުރުމަށް ގޮވާލައި ވޭޕް ވިޔަފާރިތަކުން މާލޭގައި ރޭގައި އިހްތިޖާޖުކޮށްފިއެވެ.
ރާއްޖޭގެ ހުރީހާ ވޭޕް ސޮޕް ތަކުން ރޭގަ ކުރިއަށްގެންދިޔަ ސުލްހަވެރި އެ އިހްތިޖާޖްގައި ގޮވާލީ ވޭޕް ވިޔަފާރިތައް ރަގަނޅަށް ސިސްޓަމެޓިކް އުސޫލުއެއްގެ ތެރެއިން ރެގިއުލޭޓްކުރަން ގާނޫނުތަކަށް ބޮޑެތި ހަރުކަށި އިސްލާހް ތަކެއްގެނެސް، ނަމަވެސް ކުއްލިއަކަށް ބޮޑެތި ލޯނު އަދި އިސްވެސްޓް ކޮށްފައިވާ ވޭޕް ވިޔަފާރިތައް ފުޑާ ނުލުމަށެވެ.
ރޭގެ އެ އިހްތިޖާޖާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެމުން ޒުވާން ވިޔަފާރިވެރިއަކު ބުނީ ވިޔަފާރިތަކުގެ ސްޓޮކް ވެލިއު 10 މިލިޔަން 15 މިލިޔަނުގައި ހުރި އިރު އެ ވިޔަފާރިތަކަކީ ބޮޑެތި ލޯނުތައް ނަގައިގެން ބޮޑެތި އަދަދުތަކުން އިންވެސްޓްކޮށްގެން އަދި ކަމާ ގުޅޭ އެންމެހާ ހުއްދައެއްވެސް ލިބިގެން ފަށާފައިވާ ވިޔަފާރިތަކެއް ކަމުން ހަމަ ކުއްލިއަކަށް ހުއްޓާލުމުން އެ ވިޔަފާރިވެރިންނަށް އަދި އެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރަމުން އަންނަ 300 އެއްހާ މުވައްޒަފުން މަގުމަތިވާނެފަދަ ހާލަތްތަކެއް ކަމަށެވެ.
"އަތުގައި ހުރި ސްޓޮކްގެ އަގު މިލިޔަނުން އަގުކުރެވޭއިރު އަދި ލިބެން ޖެހޭ ރިސީވަބަލްސް އާއި ޕޭޔެބަލްސް ލައްކައިން ހުރިއިރު ވޭޕް އެކުގައި މަނާކޮށްފިނަމަ ފޫނުބެދޭވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ" ދުވަހަށް މައުލޫމާތު ހިއްސާކުރި ވިޔަފާރިވެރިޔާ ބުންޏެވެ.
ސަރުކާރު އަމަލުތަކާ އަދި އެހެން ފަރާތްތަކުގެ ރޭވިގެން ހިންގާ ވޭޕާ ދެކޮޅު ކެންޕޭނާ ގުޅިގެން މިހާވެސް ވިޔަފާރިތަކަށް ފޫނެބެއްދޭވަރުގެ ގެއްލުންވަމުން އަންނަކަން ފާހަގަކޮށް އެ ފަރާތްތަކުން ބުނަނީ މިކަން ހުއްޓަން ރަގަނޅު މުހުލަތެއް ދިން ނަމަވެސް ރަގަނޅު ކަމަށާއި ސިގެރޭޓް އަކީ މާ ގެއްލުން ބޮޑު އެއްޗެއް ކަމުގައިވާއިރު އެ މަނާ ނުކުރަނީ ކީއްވެތޯވެސް އެ ފަރާތްތަކުން ސުވާލު އުފައްދައެވެ.
"އަޅުގަނޑުމެން ވޭޕް ކުޑަ ކުދިންނަކަށް ނުވިއްކަން އަދި ޑްރަގްވެސް އެތެރެއެއް ނުކުރަން، އެއީ މިގައުމުގައި އެހެން ބަޔަކު ކުރާ ކަމެއް" ވޭޕް ވިޔަފާރިވެރިއަކު ބުންޏެވެ.
އެ ފަރާތްތަކުން ބުނަނީ އެ ފަރާތްތަކުން ތިބީ މިކަމުގައި ސަރުކާރާ މަޝްވަރާ ކުރުމަށާއި އަދި ރެގިއުލޭޓް ކުރުމުގައި ސަރުކާރަށް އެއްބާރުލުން ދޭންވެސް ތައްޔާރަށް ކަމަށެވެ.
އެ ފަރާތްތަކުން އިތުރަށް ބުނަނީ ކުއްލިއަކަށް ހުއްޓާލަން ނިންމި އިރު އެކަމާ ގުޅޭ ރަނގަޅު ދިރާސާއެއް ހެދިތޯވެސް ސުވާލު އުފެދޭ ކަމަށާއި އަދި ދެން ވެދާނެ ގޮތަކާއިމެދުވެސް ސަރުކާރުން ވިސްނާކަމަށް ނުބެލެވޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މި ހިނގާ ނޮވެމްބަރު 15އިން ފެށިގެން ވޭޕާއި އެއާއި ގުޅުންހުރި އުފެއްދުންތައް އެތެރެކުރުން މަނާކުރުމާއި އަދި ހަމަ އެހެންމެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕް އަދި އެއާއި ގުޅުންހުރި އުފެއްދުންތައް ވިއްކުމާއި ބޭނުންކުރުން މަނާ ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް