ފަރުވެރިންނަށް އަމާޒުކޮށް ސްރީ ލަންކާގެ އަރުގަމް ބޭގައި ހަމަލާއެއް ދޭން ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ އަދަދު ހަޔަކަށް އަރާފައިވާކަމަށް ބުނެފިއެވެ.
ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ވިޖިތާ ހެރަތު ބުނެފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަށް ބިނާކޮށް ހަމީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން އެކަކީ ދިވެއްސެއް ކަމަށެވެ.
އެ މިނިސްޓަރު ބުނެފައިވަނީ އެ މީހުން ހައްޔަރުކުރެވުނީ އަރުގަމް ބޭއަށް ދީފާނެކަމަށް ބެލެވުނު ހަމަލާއަކާއި ގުޅިގެން ކަމަށާއި އޭގެ އިތުރުން ލަންކާގެ މާލީ މައި ތަންތަނުގެ ފޮޓޯތަކެއް އެމީހުން ނެގިކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އެމީހުންގެ ސީދާ މަގްސަދު އަދި ދެނެގަނެވިފައިނުވާކަމަށާއި އެހެންކަމުން އަދި އެމީހުންގެ ޕްލޭނަކީ އެވެނި މިވެނިކަމެއް ކުރުންކަމަށް ވާހަކަދެކެވެން ނެތް ކަމަށެވެ. އަދި އޮޅޭގޮތަށް ވާހަތައް ނުފެތުރުމަށްވެސް ބުނެފައިވެއެވެ.
އިއްޔެ މިހާރު ނޫހުގައި ލިޔުނު ޚަބަރެއްގައި ބުނެފައިވަނީ ލަންކާ-ރާއްޖެ ޑުއަލް ޕާސްޕޯޓް އޮންނަ ބިލާލް މުހައްމަދު ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ގޭންގް ލީޑަރަކު މަރާލަން ރާވަމުންދިޔަކަމުގެ ތުހުމަތުގައި ކަމަށެވެ.
ދިވެއްސަކު ހިމެނޭހެން ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށް ލަންކާއިން ބުނެފައިވާއިރު ބެލެވޭގޮތުގައި ބިލާލް ގުނާނީ ލަންކާ މީހުންގެ ގޮތުގައެވެ. އެހެންކަމުން މިކަމުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ބިލާލްގެ އިތުރުން ދިވެއްސަކު ހިމެނޭކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް