ޤައުމުގެ ދިފާޢުގައި ލެއިން ޤުރުބާންވި ފަރާތްތަކުގެ ހަނދާތައް އައުކުރަންޖެހޭ: ރައީސް

ޤައުމުގެ ދިފާއުގައި ލެއިން ގުރުބާންވި ފަރާތްތަކުގެ ހަނދާންތައް އައުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ނަޞްރުގެ ދުވަހާއި ގުޅިގެން އެދުވަހުގެ ތަހުނިޔާ ވިދާޅ...

03 Nov 2024 | 04:08

ޤައުމުގެ ދިފާއުގައި ލެއިން ގުރުބާންވި ފަރާތްތަކުގެ ހަނދާންތައް އައުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހާއި ގުޅިގެން އެދުވަހުގެ ތަހުނިޔާ ވިދާޅުވެ، މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ޤައުމު ދިފާޢު ކުރުމަށް ދިވެހި ލެއިން ޤުރުބާންވި ފަރާތްތަކުގެ ހަނދާތައް އައުކޮށް އެޝަހީދުންނަށް ދިވެހިން ޝުކުރުވެރިވާ ކަމަށާއި، އެފަރާތްތަކުގެ ޒިކުރާ ދިވެހިން އައު ކުރަން ޖެހޭ ކަމަށެވެ.

ރައީސް ވަނީ ނަޞްރުގެ ދުވަހާއި ގުޅިގެން އެދުވަހު ދިވެހިން ދެއްކި ހިތްވަރާ އަޒުމް ދޭހަވާ ޅެން ބައިތުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ރައީސް ހިއްސާ ކުރައްވާފައިވާ ބައިތުތަކުގައި، ދިވެހި އުއްމަތުގެ ހައްޤުގައްޔާއި ދިވެހި ދިދަ ހިމާޔަތް ކުރުމަށް ދިވެހިން އަތުގުޅާލާ ނިކުތްކަން ފާހަގަކުރައްވާފައިވެއެވެ.

"ދިވެހި އުންމަތުގެ ހައްގުގައި ހަށި ފޮޅާލާ، ދިވެހި ދިދަ ޙިމާޔަތްކުރަން އަތުގުޅާލާ، ދިވެހި ލެއިންނެ ދިޔައީ މިތާ ނަން ފަވާލާ، ދިވެހި ބިމުގެ ޝަރަފަށްޓަކައި މާތްވި ދީނާ ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ، ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ". ރައީސް ކުރެއްވި ޕޯސްޓުގައި ވެއެވެ.

ދިވެހި ޤައުމުގެ މިނިވަންކަން ނަގާލުމަށް، ދިވެހިންގެ މަދު ބަޔަކު އަޑީގައި ތިބެގެން 3 ނޮވެމްބަރ 1988ގައި ދިން ޢުދުވާނީ ހަމަލާގައި 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި މަދަނީ 11 ބޭކަލުން ޝަހީދުވިއިރު، ދިވެހި ސިފައިންގެ 8 ބޭކަލަކު ވަނީ ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމަކޮށް ޝަހީދުވެފައެވެ.

މިއަދު ފާހަގަކުރަމުން މިދަނީ 36 ވަނަ ނަޞްރުގެ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް