3 ނޮވެންބަރު 1988 ގެ ހަމަލާއާ ގުޅޭ ތަކެތި ދައްކުވައިދޭ މަޢުރަޒު ހުޅުވައިފިއެެވެ.
ނޭޝަނަލް އާޓް ގެލެރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ނަޞްރުގެ ދުވަހުގެ މަޢުރަޒު ހުޅުއްވައި ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިމަޢުރަޒު ބައްލަވާލައްވާފައެވެ. މިމަޢުރަޒުގައި ފެންނަން ހުރި ތަކެއްޗާއި އެދުވަހުގެ ވާހަކަތައް ދިވެހި ސިފައިން އިސްބޭކަލުން އެމަނިކުފާނާ ހިއްސާކޮށްދެއްވިއެވެ.
މި މައުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަސްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ.
މިމަޢުރަޒަކީ ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޤައުމީ ދިފާޢީ ބާރު ގުޅިގެން ބާއްވާ މިފަދަ ފުރަތަމަ މަޢުރަޒެވެ.
މި މައުރަޒުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެއެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަސްރުގެ ދުވަހު ބޭނުންކުރި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ބަހައްޓާފައިވެ އެވެ.
މި މައުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ނެޝަނަލް އާޓް ގެލެރީގައެވެ.
9 ވަނަ ދުވަހާއި ހަމައަށް އޮންނަ މިމަޢުރަޒު ކޮންމެ ދުވަހަކު ހެނދުނު 9 އަކުން 12 އަށް، މެންދުރު ފަހު 2:00 އިން 6:00އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ހުޅުވިފައި ހުންނާނެއެވެ.
ނަސްރުގެ ދުވަހާއި ގުޅުވައިގެން 1992 ވަނަ އަހަރުން ފެށިގެން ދިވެހި ސިފައިން ދަނީ ފޮޓޯ މަޢުރަޒުތައް މެދުކެނޑުމެއް ނެތި ބާއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް