ސަރަހައްދީ ހަނގުރާމައެއް ނޭދޭނަމަ ޢައްޒާއަށް ހަމަލާތައް ދިނުން ހުއްޓާލުމަށް ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ގޮވާލައިފިއެވެ.
އޭނާ މިކަމަށް ގޮވާލީ ދެންމެ ދިން ބަސްދީގަތުމެއްގައެވެ.
މި ބަސްދީގަތުމުގައި އޭނާ ބުނެފައިވަނީ ހިޒްބުﷲ އިން އިޒްރޭލު ހަނގުރާމައަށް ވަދެދާނެކަމަށް ބަޔަކު ވާހަކަ ދައްކާއިރު އޮކްޓޯބަރު އަށަކުން ހިޒްބުﷲ އިން ވަނީ ހަނގުރާމައަށް ވަދެފައިކަމަށް ބުންޏެވެ. އަދި އިޒްރޭލަށް ލުބުނާނު ފަޅިން ދެމުން އަންނަ ހަމަލާތަކަކީ މުހިންމު ހަމަލާތަކެއްކަން ފާހަގަކޮށް އޭނާ ބުނީ އެ ހަމަލާތަކުގެ ސަބަބުން އިޒްރޭލު ފައުޖުތަކުގެ ތިންބައިކުޅަ އެއްބައި އެ ސަރަހައްދުގައި ތާށިވެފައިވާކަމަށާއި އެއީ ޣައްޒާއަށް އަރައިގަތުމުގައިވެސް އިޒްރޭލު ފައުޖުތަކަށް އޮތް ގޮންޖެހުންތަކެއް ކަމަށެވެ.
އޭނާ ނުސީދާގޮތެއްގައި އިޒްރޭލާއި އެމެރިކާއަށް ތަކުރާރުކޮށް އިންޒާރުތަކެއް ދިނެވެ. އެ އިންޒާރުތަކުގެ ތެރޭގައި އެމެރިކާދެކެ ހިޒްބުﷲ ބިރު ނުގަންނާނެ ކަމަށާއި ހަނގުރާމައިގާ ޣައްޒާއަށް ހަމަލާތައް ދެމުންދާ މިންވަރަކަށް ލުބުނާނު ފަޅިން އަންނަ ހަމަލާތައްވެސް ހަމަ އެ މޭރުމުން ވަރުގަދަވެގެންދާނެކަމުގެ އިންޒާރު ދިނެވެ. އަދި ކޮންމެ ހާލަތަކަށްވެސް ހިޒްބުﷲ އޮތީ ތައްޔާރަށްކަންވެސް އޭނާ ފާހަގަކުރިއެވެ.
ހިސްބުﷲގެ ލީޑަރުގެ ބަސްދީގަތުމުގައި ބޮޑަށް ބާރުއަޅާފައިވަނީ ހަނގުރާމަ މެދުކަނޑާލުމުގެ މައްޗަށެވެ. އެގޮތުން ވާހަކަދައްކަމުން އޭނާ ބުނީ މިވަގުތަށް އޮތީ މުހިންމު ދެ ލަނޑުދަނޑިއެއް ކަމަށާއި އެއް ކަމަކީ ހަނގުރާމަ ހުއްޓާލުން ކަމަށާއި އަނެއް ކަމަކީ ހަމާސް އަށް ނަސްރު ލިބުން ކަމަށެވެ.
ހަމާސް އިން އޮކްޓޯބަރު ހަތްވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާއަށް ހިޒްބުﷲގެ ލީޑަރު ތަކުރާރުކޮށް ތައުރީފު ކުރިއެވެ. އެ ތައުރީފުތަކުގައި އޭނާ ބުނެފައިވަނީ އެ ހަމަލާއަކީ ހަމަ ސީދާ ފަލަސްތީނުގެ ހަނގުރާމަވެރިން ރާވާ އިންތިޒާމުކޮށް ދިން ވަރުގަދަ ހަމަލާތަކެއް ކަމަށާއި އެ ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް ކުޑަކަކޫ ޖަހަން މަޖުބޫރުވެގެންދިޔަ ކަމަށެވެ.
ހިޒްބުﷲގެ ލީޑަރުގެ މި ބަސްދީގަތުމުގައި މާ ވަރުގަދަ އިންޒާރުތަކެއް މާ ވަރުގަދަ ބަސްތަކަކުން ނުދިން ނަމަވެސް މަސްރަހު ދިރާސާކުރާ އެނަލިސްޓުން ބުނާގޮތުގައި ހިޒްބުﷲ ގެ ލީޑަރުގެ ބަސްތަކުގައި އިޒްރޭލު ލަދުގަންނަ ކަހަލަ އެތައް ވާހަކައެއް އަދި އިޒްރޭލާއި އެމެރިކާވެސް ޖެހިލުންވާފަދަ އިންޒާރުތަކެއް އެ ވާހަކަތަކުގައި ހިމެނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް