ޤައުމުގެ ހައްގުގައި އަމިއްލަ ފުރާނަ ފުރުބާންކޮށް ޝަހީދުވެދިޔަ ކޮންމެ ބޭފުޅެއްގެ ޒިކުރާ އާކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޤައުމީ ވާޖިބެއް ކަމަށާއި، އެބޭބޭފުޅުންގެ ޒިކުރާއާކޮށް އެފަދަ ދުވަސްތައް ފާހަގަކުރުމަށް ސަރުކާރުތަކުން ކުޑަކޮށްވެސް ފަރުވާކުޑަކޮށްގެން ނުވާނެ ކަމުގައި އިންތިޚާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
ސެމްބެ މިހެން ވިދާޅުވީ، ނަސްރުގެ ދުވަހު ޕީއެސްއެމްއިން ގެނެސްދޭ "ދިވެހީންގެރާއްޖެ" ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގައި މިއަދު ފާހަގަ ކުރަމުންދާ 35 ވަނަ ނަސްރުގެ ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފޮނުވައި ސެމްބެ ވިދާޅުވީ ޤައުމީ އަބުތާލުން ގައުމަށްޓަކައި ވެވަޑައިގެންފައިވާ މަތިވެރި ގުރުބާނީގެ އަގުވަޒަންކޮށް އެބޭފުޅުންގެ ޒިކުރާ އާކުރުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ.
ނަސްރުގެ ދުވަހާއި، ޝަހީދުންގެ ދުވަހާއި، ޤައުމީ ދުވަސްފަދަ ދުވަސްތަކަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ހަމައިން ފެށިގެން މުޅި ސަރުކާރާއި ރައްޔިތުންގެ އެކަމުގައި ޝާމިލުވާ ގޮތަށް ފާހަގަކުރަންޖެހޭ ދުވަސްތަކެއް ކަމަށް ސެމްބެ ވިދާޅުވިއެވެ. ޤައުމެއް ގައުމެއްގެ ގޮތުގައި ދެމި އޮންނާނީ އެފަދަ ދުވަސްތައް ފާހަގަކުރެވި ޒިކުރާ އާކުރެވިގެން ކަމަށް އިންތިޚާބީ ނައިބް ރައީސް ވިދާޅުވިއެވެ.
"އެދުވަހުގެ އަޅުގަނޑުމެންގެ ޤައުމަށްޓަކައި އަބުތާލުންތަކެއް ފުރާނަ ގުރުބާން ވެގެންދިޔަ. އެބާތާލުންގެ ޒިކުރާ އާލާކުރުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކަމެއް. ހަގީގަތުގައި އެއީ ނުކޮށް ދޫކޮށްލެވޭނެ ކަމެއްނޫން. އެހެން ނޫންނަމަ ޤައުމެއް ޤައުމެއްގެ ގޮތުގައި ދިރުވޭނެ ތަނެއް ނުފެންނާނެ. ޤައުމުގެ އެއްބައިވަންތަ ކަމުގެ ރޫހު އާލާ ނުކުރެވޭނެ. ޤައުމެއްގެ ބަހާތައް ދިރުވޭނީ މިފަދަ ދުވަސްތައް ފާހަގަކޮށްގެން." އިންތިޚާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.
ސެމްބެ ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފަދަ ދުވަސްތައް ފާހަގަ ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައި ކަމަށެވެ. ޤައުމެއްގެ ހަޔާތުގައި ޤައުމަށް ނަސްރާއި ކާމިޔާބީ ހޯދައިދިން އަބުތާލުންގެ ޒިކުރާ ފަނޑު ނުވާނޭހެން ފާހަގަ ކުރުމަކީ ޤައުމުގެ މުސްތަގުބަލަށްޓަކައިވެސް ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ސެމްބެ ފާހަގަ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް