މިއަދު މެންދުރުގެ ވަގުތެއްގައި މާލޭ ކޮމާޝަލް ހާބަރ ކައިރީގައި ހުންނަ ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެމްޕީއެލްގެ މުވައްޒަފަކު ކުރި މަސައްކަތް، އެކުންފުނިން ފާހަގަކޮށް އޭނާއަށް ތައުރީފު ކޮށްފިއެވެ.
މާލޭގެ ވިޔަފާރި ބަނދަރާއި ކައިރި ސަރަހައްދެއްގައި ހުރި ގަރާޖެއްގެ ބޭރުގައި ހިނގި މި ހާދިސާގައި ރޯވެފައިވަނީ ސައިކަލެއްގައެވެ.
އެނގިފައިވާ ގޮތުގައި ރޯވި އަލިފާންގަނޑު ނިއްވާލަން މަސައްކަތްކުރީ އެތަނުގައި އެވަގުތު ހުރި އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އާދަމް ޝަޒީލެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، މިހާދިސާ ހިނގިއިރު އެވަގުތު އެތަނުގައި ފުލުހުން ވެސް ތިއްބެވެ. ނަމަވެސް އަލިފާންގަނޑު ނިއްވާލަން އަލިފާން ނިއްވާ ފުޅި ހިފައިގެން ޝަޒީލް މަސައްކަތް ކުރަމުން ދިޔައިރު ވެސް، ފުލުހުން އެ އަލިފާންގަނޑު ނިއްވާލަން މަސައްކަތް ނުކުރާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުންޏެވެ.
އެއްވެސް ޖެހިލުމެއް ނެތި ޝަޒީލް ދެއްކި ހިތްވަރު ފާހަގަކޮށް އެމްޕީއެލްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ، ނިއްވާލަން ޝަޒީލް ކުރި މަސައްކަތަށް އައްސަރިބަހާ ސާބަސް ކިޔާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް