ޔޯހާނީ އުއްޗުއަށް ޝޯއެއް ދީފި

ދާދި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ޝްރީ ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޯހާނީ ޑި ސިލްވާ، ރާއްޖެއިން ފުރުމުގެ ކުރިން، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އާވެސް ބައްދަލުކޮށް، އ...

03 Nov 2022 | 17:38

ދާދި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ޝްރީ ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޯހާނީ ޑި ސިލްވާ، ރާއްޖެއިން ފުރުމުގެ ކުރިން، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އާވެސް ބައްދަލުކޮށް، އުއްޗުގެ ރިސޯޓެއް ކަމަށްވާ ކުރެއްދު އައިލެންޑް ރިސޯޓުގައި ވެސް ޝޯއެއް ދިންކަން ހާމަ ވެއްޖެއެވެ.

"މަނިކޭ މަގޭ ހިތޭ" ލަވައިން މުޅި ދުނިޔެއަށް ވިދާލި ޔޯހާނީ ރާއްޖެއަށް އައީ، މިދިޔަ އޮކްޓޯބަރ މަހުގެ 27ވަނަ ދުވަހުއެވެ. އޭނާ ރާއްޖެއަށް އައީ ބައިސްކޯފުން އިންތިޒާމު ކޮށްގެން މިދިޔަ މަހުގެ 29ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި "ޗަނާޗާ" ޝޯގައި ލަވަކިޔުމަށެވެ.

އެ ޝޯއަށް ފަހު ޔޯހާނީ ވަނީ ރާއްޖޭގައި ކުޑަ ދުވަސްކޮޅަކު ޗުއްޓީ ހޭދަ ކޮށްލަން މަޑުކޮށްފައެވެ. އެގޮތުން ކުރެއްދޫ އައިލެންޑް ރިސޯޓަށް ވެސް އޭނާ ދިޔައެވެ.

އެނގިފައިވާ ގޮތުގައި އުއްޗުއާ ޔޯހާނީގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަމުރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

"ދުވަސް" އަށް އެނގިފައިވާ ގޮތުގައި ޔޯހާނީ ވަނީ އެ ރިސޯޓުގައި ވެސް ކުޑަ ޝޯއެއް ހުށަހަޅައި ދީފައެވެ. އޭގެ ފަހުން އޭނާވަނީ ކަނޑު އަޑީގެ ރެސްޓޯރަންޓެއް ހުންނަ ހުރަވަޅީގައި ވެސް ޗުއްޓީ ހޭދަ ކޮށްފައެވެ.

ރާއްޖޭގައި ޝޯ ހުށަހަޅައިދީ ޗުއްޓީ ހޭދަ ކުރުމަށްފަހު ޔޯހާނީ މިހާރު ވަނީ އެނބުރި ލަންކާއަށް ގޮސްފައެވެ. ދިޔުމުގެ ކުރިން އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއަށް ކުރި މި ދަތުރަކީ އޭނާ ހިތުން ފިލައިގެން ދާނެ ދަތުރެއް ނޫން ކަމަށާއި މިއީ އޭނާއަށް ވަރަށް އުފާވެރި ދަތުރެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް