މިކޯލިޝަންގެ ދާއިރާ އިންތިޚާބުގައި ވަކި ކެންޑިޑޭޓަކު ހޮވުމަށް ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލަރ ނަޙުލާ ޢަލީ ދައްކަމުން ގެންދާ ވާހަކަ ކުށްވެރިކޮށްފިއެވެ.
ނަހުލާއަކީ ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. އެކަމަކު މިއަހަރުގެ މެއި މަހުގެ އަށްވަނަ ދުވަހު އޭނާ ވަނީ އެޕާޓީން ވަކިކޮށްފައި އެވެ.
ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ދާއިރާ އިންތިޚާބުގައި ޕާޓީގެ އެތެރޭގެ މަސްލަޙަތު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ޢަމަލުކުރަމުން ދާކަމަށެވެ. އެގޮތުން މިޕާޓީއާއި އެއްވެސް ގުޅުމެއް ނެތް ފަރާތްތަކުންވެސް މި އިންތިޚާބުގެ ތެރެއަށް ވަދެ ޕާޓީ ބައިބައި ކުރުމުގެ މަސައްކަތަކެއްވެސް ދަނީ ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
އެގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ ބަޔާނުގައި ފާހަގަ ކޮށްފައިވަނީ ނަހުލާގެ ނަމެވެ. ޕީޕީއެމްއިން ބުނީ މި އިންތިޚާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނަހުލާ އެދެމުންދާ ކަމާއި، އަދި ޕާޓީގެ ރައީސް ގެ ތާއީދު އޮތީވެސް ވަކި ކެންޑިޑޭޓަކަށް ކަމަށް ބުނެ ގޭގެއަށް ޒިޔާރަތްކުރުމާއި، މީހުންނާ ބައްދަލުކުރުމާއި، އަދި ތަފާތު ފޯރަމްތަކުގައިވެސް އެގޮތަށް ބުނަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ނަހުލާއަކީ އެ ކޯލިޝަނާއި ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ހައްގު ނޯންނާނެ ކަމަށް ބުނެފައިވެ އެވެ. އެހެންވެ ނަހުލާގެ އަމަލުތައް ކުށްވެރި ކުރާ ކަމަށެވެ.
ނަޙުލާ އާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ޕާޓީއެއްގެ މެންބަރަކަށް ނުވާ ފަރާތްތަކުން ވަކި ކެންޑިޑޭޓަކު ހޮވުމަށް މަސައްކަތްކޮށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅު ބޭނުންކޮށްގެން މަންފާ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތަތއް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައި އެވެ. އަދި އެފަދައިން ބަޔަކު މަސައްކަތް ކުރިނަމަވެސް އެކަން ބަލައިނުގަތުމަށް މިކޯލިޝަންގެ ދެ ޕާޓީގެ މެންބަރުންނަށްވެސް އިލްތިމާސް ކުރާ ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް