މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ވެސް ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމައިފިއެވެ.
ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން އެމްއެންޕީން ނިންމީ އެ ޕާޓީގެ ފަރާތުން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައެވެ. އެގޮތުން އެ ބައްދަލުވުމުގައި ގައުމީ ހިންގާ ކައުންސިލުން ވަނީ ޕާޓީ ހިންގުމާ ގުޅޭ ނިންމުންތަކެއް ނިންމާފައެވެ.
އެމްއެންޕީ ވެސް ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން އެ ބައްދަލުވުމުގައި ހުށަހެޅުއްވީ އެމްއެންޕީގެ ނައިބު ރައީސް އަޙްމަދު ޝަރީފެވެ. އެ ހުށަހެޅުން ފާސްވީ ބައްދަލުވުމުގައި އެވަގުތު ހާޒިރުވެ ތިއްބެވި އެންމެންގެ އަގުލަބިއްޔަތުންނެވެ.
ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްއާއި ލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އިސްވެ ތިއްބަވައިގެން އުފެއްދެވި އެމްއެންޕީން ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމީ ރައްޔިތުންނަށް މަންފާ ހުރި ކަންކަމަށް ސަރުކާރުން އެންމެ އެކަށީގެންވާ އިޖާބަ ނުދޭތީއާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީ ނުވުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތަކަށް އެއްބާރުލުން ނުލިބޭތީ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް