ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ޝަހީދުންގެ ބިނާގައި ދިދަ ޖެހުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި 34 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ. ތިނެއް ނޮވެންބަރު ހަނ...

03 Nov 2022 | 04:42

ދިވެހިރާއްޖޭގެ ފަޚުރުވެރި 34 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

ތިނެއް ނޮވެންބަރު ހަނދާނީ ބިނާ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްޛާ މާރިޔާ އަޙުމަދު ދީދީ އެވެ.

މި ރަސްމިއްޔާތުގައި ދިދަ ޖަހައި، ގާޑު މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިން ނެވެ. ދިދަވެރިން ދިދަ ޖަހައި، ގާޑު މާއުންޓް ކުރުމުން ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ބޭކަލުންގެ ހަނދާނުގައި ހަތް ބަޑީގެ ސަލާމެއް އަރުވައި، ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފަ އެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ ޢަޒުމް އާ ކުރުން އޮތްއިރު، ސިފައިންގެ ޢަޒުމް އާ ކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ އިސްރަށްވެހިންނާއި ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖަހައި، ގާޑު މައުންޓް ކުރިއިރު ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ގާއިމުވެ ތިބޭ ހުރިހާ މަރުކަޒުތަކެއްގައި މިއަދުގެ ފަތިސް ނަމާދު ވަނީ އެއްޖަމާއަތެއްގައި ކޮށްފަ އެވެ.

އެގޮތުން، މާލޭގައި ސިފައިން ފަތިސް ނަމާދު ޖަމާއަތުގައި ކޮށްފައި ވަނީ މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް ''އިސްލާމީ މަރުކަޒު'' ގަ އެވެ. ފަތިސް ނަމާދަށްފަހު ނަޞްރުގެ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ވަނީ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް