ތާރީހުން: ޕްލޯޓް ޖަމާއަތުގެ ރެޕްރެޒެންޓިވްގެ އިންޓަވިއު

ސްރީލަންކާގެ ޕްލޯޓް ޖަމާއަތާ ގުޅިގެން ރާއްޖޭގެ ސަރުކާރު ބަދަލުކޮށްލުމަށް ދިން އުދުވާނީ ހަމަލައަށް ނުވަތަ "ނޮވެމްބަރު 3" އަށް މިއަދު 29 އަހަރު ފުރުނު އިރު އެ ހަމަލައާ ގުޅޭ ތަފާތު ވާހަކަތައް އޮވެ އެވެ. ...

03 Nov 2017 | 05:03

ސްރީލަންކާގެ ޕްލޯޓް ޖަމާއަތާ ގުޅިގެން ރާއްޖޭގެ ސަރުކާރު ބަދަލުކޮށްލުމަށް ދިން އުދުވާނީ ހަމަލައަށް ނުވަތަ "ނޮވެމްބަރު 3" އަށް މިއަދު 29 އަހަރު ފުރުނު އިރު އެ ހަމަލައާ ގުޅޭ ތަފާތު ވާހަކަތައް އޮވެ އެވެ. ނޮވެމްބަރު ތިނަކާ ގުޅިގެން ދިވެހިން މިއަދު ނަސްރުގެ ދުވަސް ފާހަގަ ކުރާއިރު ކޮންމެ އަހަރަކުހެން ބޭރު ދުނިޔޭގެ ބައެއް ނޫސްތަކުގައި ވެސް އެ ދުވަހުގެ ވާހަކަތައް ލިޔެ އެވެ. ހާއްސަކޮށް އިންޑިޔާ އާއި ސްރީލަންކާގެ ނޫސްތައް ހިމެނެ އެވެ. ތިރީގައި މިވަނީ ސްރީލަންކާގެ ޕްލޯޓް ޖަމާއަތުގެ ކުރީގެ ރެޕްރެޒެންޓޭޓިވްއެއް ކަމަށްވާ ޓީ ވެޓްރި ސެލްވަން ނޮވެމްބަރު ތިނެއްގެ ބަޣާވާތާ ބެހޭ ގޮތުން އިންޑިއާގެ އޮންލައިން ނޫސް، "ދަ ސަންޑޭ އިންޑިއަން" ދީފައި އިންޓަވިއުއެއްގެ ބައެއް ސުވާލާއި ޖަވާބެވެ.

ރާއްޖެއަށް ބަޣާވާތެއް ގެނައުމުގެ ހިޔާލު އައީ ކިހިނެއް؟

އޭރު ސްރީލަންކާގައި ދިރިއުޅެމުން ދިޔަ ރާއްޖޭގެ ވިޔަފާރިވެރިއެއް! އޭނާގެ ނަމަކީ އަބްދުﷲ ލުތުފީ، ލުތުފީއާ ސްރީލަންކާގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ލަލިތު އަތުލަތްމުދަލީއާ ވެސް ގާތް ގުޅުމެއް އޮތް، އެ ދެ މީހުންގެ ވިސްނާ ނިންމި ނިންމުމެއް ރާއްޖޭގެ އޭރު ރައީސަކަށް ހުންނެވި މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލައި ރާއްޖެ ހިފުން އެއީ، ދެން އަތުލަތްމުދަލީ ގުޅީ މުކުންދަންއަށް، ގުޅާފަ ބުނީ ތި ޖަމާއަތުން ރާއްޖެ ހިފުމުގައި އެހީތެރިވާށޭ! އޭރުން އަހަރުމެންގެ ޖަމާއަތަށް ހިންގަން ރާއްޖޭން ބައެއް ރަށްރަށް ދޭނަމޭ، މުކުންދަން އެކަމަށް އެއްބަސްވި. އަދި ބުނީ ރާއްޖެ ހިފުން ވާނީ ވަރަށް ފަސޭހަ ކަމަކަށޭ. އެހެން ނަމަވެސް އަހަރުމެން ތެރެއިން ގިނަ ބަޔަކަށް ހީކުރެވުނު އެއީ އަހަރުމެންގެ ބާރު ދުއްވާލަން އަތުލަތްމުދަލީ ރޭވި ރޭވުމެކޭވެސް، ޕީޕަލްސް ލިބަރޭޝަން އޮފް ޓަމިލް އީލާންގެ އިސްވެރިން ރާއްޖެ ހިފަން ދާން ދެކޮޅުވެސް ހެދި. އެހެން ނަމަވެސް އަހަރުމެންގެ ތެރޭން 72 މެމްބަރަކު މިކަމަށް ތައްޔާރުވެގެން ނައްޓާލީ. -- ލަލިތު އަތުލަތު މުދަލީ އަވަހާރަވީ ފަހުން ޓައިގަރުން ދިން ހަމަލާއެއްގަ އެވެ. --

ދެން ކިހިނެއްވީ؟

އަހަރުމެންގެ ޖަމާއަތުން ރާއްޖެ ހިފަން އައިއިރު ހީކުރީ ވަރަށް ފަސޭހަ ވާނެ ކަމަށް، އެހެން ނަމަވެސް ކަންވީ ދިމާ އިދިކޮޅަށް! ރައީސް މައުމޫން ހައްޔަރު ކުރަން ދިޔައިރު އޮފީހަކު ނެތް، ދެން ކުއްލިއަކަށް އެނގުނީ އިންޑިއާގެ އެއާ ފޯސް ރާއްޖޭގެ ދިފާއުގައި އަންނަކަން، ޕްލޯޓްގެ ހަތަރު މެމްބަރަކު އެ ހިސާބުން ނިންމީ ބޯޓެއްގައި އަވަހަށް ފިލަން. އެ ހަތަރު މީހުން ރާއްޖޭގައި ކަންވީ ގޮތް ކިޔައި ދިން އިރު މުކުންދަން ދިޔައީ އަހަރުމެން ކައިރީގައި ދޮގު ހަދަމުން. ރާއްޖެ ހިފިއްޖެއޭ އެކަން ކާމިޔާބު ވެއްޖެއޭ ކިޔާފައި، އެމީހުން އައިސް ވާނުވާކިޔާ ދިނީމަ ވީގޮތް އެނގުނީ، އެ ހިސާބުން އަހަރުމެންގެ އިސް ލީޑަރުންނަށް މުކުންދަންގެ ނިޔަތާމެދު ޝައްކު އުފެދިއްޖެ، ދެން އަހަރުމެންގެ ވެރިކަމުން މުކުންދަން ދުރުކުރީ. އޭގެ ފަހުން އަހަރުމެންގެ މެމްބަރަކު މުކުންދަން މަރާލީ 16 ޖުލައި 1989 ގައި.

ރާއްޖޭގައި ތާށިވެ އަމާންދިން ތި ޖަމާއަތުގެ މެމްބަރުންނަށް ދެންވީ ކިހިނެއް؟

އޭގެ ތެރެއިން 13 މީހަކު މަރަން ހުކުމް ކުރީ. އަދި 56 މީހަކު ޖަލަށްލީ 15 އަހަރާ 35 އަހަރާ ދެމެދުގެ މުއްދަތަކަށް. އެހެން ނަމަވެސް އެ ހުކުމްތައް ފުރިހަމައަށް ތަންފީޒު ކޮށްފައެއް ނުވޭ. އިންޑިއާ ސަރުކާރު މެދުވެރިކޮށް އެމީހުން ހަވާލު ކުރީ ސްރީލަންކާގެ ސިފައިންނާ، ލަންކާގެ ސިފައިންގެ ކޭމްޕްގައި އެމީހުން ބޭނުން ކުރަމުން ދިޔައީ އެލްޓީޓީއާ ދެކޮޅަށް، އޭގެ ތެރެއިން ގިނަ މީހުން މިހާރު ދުނިޔެއަކު ނެތް.

މިކަމުގައި އާރްއެންޑް އޭޑަބްލިއުގެ އެއްވެސް އަތެއް ވޭތަ ؟

ނޫން މިކަމަކީ އަތުލަތްމުދަލީއާ މުކުންދަންއާ ދެމީހުން ގުޅިގެން ރޭވި ރޭވުމެއް!

ނޯޓް: މިއީ 2013 ވަނަ އަހަރު، ވީމީޑިއާގެ އޮންލައިން ނޫސް "ވީނިއުސް"ގައި ޕަބްލިޝް ކޮށްފައިވާ ލިޔުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް