ނޮވެމްބަރު ތިނެއްގެ ހަމަލާ ރޭވި ފަދަ ގައްދާރުން މިއަދުވެސް ގައުމުގައި އެބަތިބި: ރައީސް ޔާމީން

ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއާ ދޭތެރޭގައި ފިކުރު ހިންގާލާއިރު، އެ ޙަމަލާ ރޭވުމުގެ އަޑީގައި ތިބީ ދިވެހިޤައުމަށް ޣައްދާރުވި ދިވެހިންގެ މަދު ބައެއްކަމަށާއި، މިއަދުވެސް އެފަދަ ޣައްދާރުން ދިވެހިންގެ ތެރ...

03 Nov 2017 | 04:51

ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއާ ދޭތެރޭގައި ފިކުރު ހިންގާލާއިރު، އެ ޙަމަލާ ރޭވުމުގެ އަޑީގައި ތިބީ ދިވެހިޤައުމަށް ޣައްދާރުވި ދިވެހިންގެ މަދު ބައެއްކަމަށާއި، މިއަދުވެސް އެފަދަ ޣައްދާރުން ދިވެހިންގެ ތެރޭގައި ތިބިކަން އަޅުގަނޑުމެން ދަންނަން ޖެހޭކަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި އެވެ.

"ނޮވެންބަރު 3 ގެ ޢުދުވާނުން ސަލާމަތްވުމަށްޓަކައި ދިވެހި ސިފައިން ދެއްކެވި ހަރުދަނާ އިޚްލާޞްތެރި ނަމޫނާއިން ހިތްވަރު ލިބިގަނެގެން، ޤައުމު ދިފާޢުކުރުމުގެ ޢަޒުމުގައި ސާބިތުވެ ތިއްބެވުމަށާއި، ދިވެހި ޤައުމުގެ ސަރަޙައްދުގެ ކިތަންމެ ކުޑަ މިންވަރެއްވެސް، ބޭރު ބައެއްގެ ނުފޫޒުގެ ދަށަށް، ކުޑަ ހިނދުކޮޅަކަށްނަމަވެސް ދިޔަނުދިނުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަށް އެންމެހާ ދިވެހިންނަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފި" ރައީސް އޮފީހުން ހާމަކުރައްވާފައި ވެ އެވެ.

ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލައިގެ ނުރައްކާތެރި ބިރުވެރި ހާދިސާގައި ދުޝްމަނުންނަށް ނާކާމިޔާބުވުމުގެ އެންމެބޮޑު ސަބަބަކީ، އެދުވަހު ރާއްޖޭގެ ހުރިހާ ރައްޔިތުން ސާބިތުކޮށްދެއްވި އެއްބައިވަންތަ ކަމާއި ވެރިންނަށް ކިޔަމަންތެރިވުމުގެ ނަމޫނާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިގޮތުގައި 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއާ ދޭތެރޭގައި ފިކުރު ހިންގާލާއިރު، އެ ޙަމަލާ ރޭވުމުގެ އަޑީގައި ތިބީ ދިވެހިޤައުމަށް ޣައްދާރުވި ދިވެހިންގެ މަދު ބައެއްކަމަށާއި، މިއަދުވެސް އެފަދަ ޣައްދާރުން ދިވެހިންގެ ތެރޭގައި ތިބިކަން އަޅުގަނޑުމެން ދަންނަން ޖެހޭކަމުގައެވެ. އަދި، ދުޝްމަނުން، ޤައުމުގެ އެތެރެއިންނާއި ބޭރުން، މިހާރުވެސް ކުރިމަތި ކުރުވަމުން ގެންދަނީ ވަކި ނުރައްކާތެރިކަންކުޑަ ޢުދުވާނުތަކެއް ނޫންކަމަށާއި އެފަދަ ޢުދުވާނުތަކުގެ ފޮރުވިފައިވާ ސިއްރަކީ، އެބައެއްގެ އަމިއްލަ އެދުންތައް ޙާޞިލުކުރުމަށް އެކިގޮތްގޮތުން މަސައްކަތްކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވާގޮތުގައި، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން ސާބިތުކޮށްދެއްވަން ޖެހެނީ، ވަރަށް ވަރުގަދަ ޤައުމީ އެއްބައިވަންތަ ކަމަކާއި ކިޔަމަންތެރި ކަމެއްކަމަށާއި،1988 ނޮވެންބަރު 3 ގައި ހިނގައިދިޔަ ބިރުވެރި ނާމާން ކަންތައްތަކަކީ، ދުވަހަކުވެސް ދިވެހިންގެ ހިތްތަކުން ފިލައިގެންދާނެ ކަންތައްތަކެއް ނޫންކަމުގައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، އެކަމުގެ ހަނދާން އާކުރާއިރު ވިސްނަންވީ އެންމެ މުހިންމު އެއްކަމަކީ، މިފަދަ ނުރައްކާތެރި ދުވަހެއް ދެން އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވިޔަ ނުދިނުމަށް ވިސްނައި ތައްޔާރުވެ، ނުގުޑާފަދަ ވަރުގަދަ ޢަޒުމެއްގައި ސާބިތުވެ ތިބުމަށެވެ. އަދި، އެކަން ކުރެވޭނީ، ދިވެހިންގެ ހިތްތަކުގައި ޤައުމުދެކެ ލޯބިވުމުގެ ރޫޙު އާލާކޮށްގެން، އިޚްލާޞްތެރިކަމުގެ ރޫޙު ދަމަހައްޓައިގެން، ޤައުމީ ސަލާމަތުގެ އަށްޑަނަ އުފުލައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް