އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ މުޒާހަރާއާއިމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ފުލުހުން އެދިވަޑައިގެންފައި ނުވާކަމަށާއި މިންޖުވުމަށް ނަމުގައި ކުރިއަށްގެންދާ މުޒާހަރާ އެދުވަހު ކުރިއަށްގެންދާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “މިންޖުވުމަށް” މި ނަމުގައި 6 ނޮވެމްބަރ 2015 ވަނަ ދުވަހު ބޭއްވުމަށް އިޢުލާނުކޮށްފައިވާ ބޮޑު މުޒާހަރާ، އިންތިޒާމްކޮށްފައިވާ ގޮތުގެ މަތިން އެ ދުވަހު ކުރިއަށްދާނޭކަމުގައި މި ޕާރޓީގެ މެމްބަރުންނަށާއި މި ޕާރޓީއަށް ތާއީދުކުރާ އެންމެހައި ފަރާތްތަކަށް އަންގާ ކަމަށެވެ. އަދި މި މުޒާހަރާއަކީ ރައީސް މުޙައްމަދު ނަޝީދާއި އަދި ނުޙައްޤުން ޖަލަށްލައި ނުވަތަ ބަންދުކޮށްފައިވާ ހުރިހައި ސިޔާސީ ފަރާތްތައް މިނިވަންކުރުމަށް ގޮވާލައި، އަދި އދ. ގެ ނިންމެވުމަށް ބޯލެނބުމަށް ސަރުކާރަށް ގޮވާލުމުގެ ގޮތުން ބާއްވާ ސުލްޙަވެރި ބޮޑު މުޒާހަރާއެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
"މި ސުލްޙަވެރި މުޒާހަރާ ބޭއްވުމުގެ ނޯޓިސް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިހާރު މި ޕާރޓީން ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސަށް ދީފައި، ހަމައެފަދައިން މި މުޒާހަރާ އޮންނާނޭކަމުގެ މަޢުލޫމާތާއި އަދި މި ފަދަ މުޒާހަރާތަކަށް ފުލުހުންގެ އެއްބާރުލުން ދެއްވުމާއި މުޒާހަރާގެ ބައިވެރިންނަށް ރައްކާތެރިކަންދެއްވުމާއި މަގުތަނަވަސްކޮށްދެއްވުމަށް ފުލުހުންނާއެކު މި ޕާރޓީގެ ލީޑަރޝިޕުން 1 ނޮވެމްބަރ 2015 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވެސް ވާނީ އެދިފައި، އަދި އެދުވަހު ފުލުހުންނާއެކު ބޭއްވުނު ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ އެކުވެރި މާޙައުލެއްގައި، ބައެއް މީޑިއާ ތަކުން ރިޕޯރޓްކޮށްފައިވާ ގޮތާ ޚިލާފަށް، އެ މުޒާހަރާ އާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ފުލުހުން މި ޕާރޓީގެ ކިބައިން އެދިވަޑައިގެންފައެއް ނުވޭ، އަދި ދެވަނަ ވިސްނުމަކަށް ދިއުމަށް މި ޕާރޓީން ވިސްނައިފައި ވެސް ނުވޭ" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ވަރަށް އަސާސީ ޙައްޤެއްކަމަށްވާއިރު، ރާއްޖޭގައި ހިނގާ ބޮޑެތި ކަންބޮޑުވުންތަކާމެދު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާރޓީގެ ޙައިސިއްޔަތުން މި ޕާރޓީން އިންތިޒާމްކޮށްގެން ބާއްވާ މިފަދަ ސުލްޙަވެރި އެއްވުންތަކަށް ފުލުހުން އެއްބާރުލެއްވުން ދެއްވުމަކީ ފުލުހުންގެ މައްޗަށް ޤާނޫނުން ލާޒިމުކުރާކަމެއް ކަމަށެވެ. އަދި ޤައުމުގައި ހިނގާ އެހެން މައްސަލަތަކަކީ މި ޕާރޓީން ބާއްވާ ސުލްޙަވެރި މުޒާހަރާތަކަށް އޮތް ހުރަހަކަށްވެގެންވާނޭ ކަމެއް ނޫންކަމުގައި ދެކޭ ކަމަށާއި މި ޕާރޓީގެ މަސްއޫލިއްޔަތަކީ ވެސް ރާއްޖޭގައި ހިނގާ ކަންކަމާމެދު ބަސްބުނެ، ޚިޔާލުފާޅުކޮށް އަދި ކަންކަން އިސްލާޙުކުރުމަށް ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ "މިންޖުވުމަށް” މި ނަމުގައި 6 ނޮވެމްބަރ 2015 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފާވާ ސުލްޙަވެރި މުޒާހަރާއަށް ފުލުހުންގެ އެއްބާރުލުން ދެއްވުމަށް ގޮވާލާހިނދު، މި މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް މި ޕާރޓީން ގޮވާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް