ވަގުތަކީ ފަތިހުގެ ހަމަހިމޭން ވަގުތެވެ. އަމާންކަމާއި ރައްކާތެރިކަމުގެ ގޮތުގައި ދުނިޔެމަތީގެ ސުވަރު ގޭގެ ގޮތުގައި މުޅިދުނިޔެއަށް ނަން ކުރެވިފައިވާ ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލެ ވަނީ ވަރަށް އަރާމު ނިންޖަކުން ނިދާފައެވެ.
އަޅުގަނޑުމެން މިދައްކަނީ މީގެ 27 އަހަރު ކުރީގެ ވާހަކައެއް ނަމަވެސް މިއަދުވެސް އެ ހަނދާންތަކާއި ދުރަށް ދެވިފައިނުވާ އަދި އެ ދުވަހެއްގެ މަތިން ދިވެހިން ދުވަހަކުވެސް ހަނދާން ނުނެތޭނެ އަނދިރި ދުވަހެއްގެ ވާހަކައެކެވެ. އާދެ! 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ވާހަކައެވެ.
މިހާރާއި ޚިލާފަށް އޭރު ދިވެހިންނަށް ބަޑީގެ އަޑެއް އިވެނީ ސިފައިންގެ ކޮންމެވެސް ތަމްރީނުތަކެއް ހަދަމުންދާ ވަގުތު ނުވަތަ ކޮންމެވެސް ފިލްމަކުންނެވެ. އެހެން ނަމަވެސް އެދުވަހު ދިވެހިންގެ އަރާމު ނިދިން ހޭލައްވާލީ ބަޑީގެ ބިރުވެރި އަޑުފައްގަނޑަކާއެކުގައެވެ.
އާދެ. މިދައްކަނީ ދިވެހި ޚާއިނުންގެ މަދު ބަޔަކާއި ބޭރުގެ ކުލީ ސިފައިން ގުޅިގެން މި ދިވެހިރާއްޖެއަށް ޙަމަލާދިން ބަޑިބުރާސްފަތީގެ ވާހަކައެވެ. ހިތްވަރުގަދަ ދިވެހި ސިފައިންގެ 8 ބޭކަލުންނާއި އެއްވެސް ކުށެއް ނެތް ދިވެހި ރައްޔިތުންގެ ތެރެއިން 11 ޢާންމުންނާއެކު ޝަހީދުވި 19 ދިވެހިންގެ ލެއިން މިދިވެހި ފަސްގަނޑު ރަތްކޮއްލި ނުރައްކާތެރި (ރަތް) ބްރާސްފަތީގެ ވާހަކައެވެ.
އެ ޢުދުވާނަށް މިއަދަށް 27 އަހަރު ފަހަނައަޅާ ގޮސްފައިވީ ނަމަވެސް އެދުވަހުގެ އެ ހަނދާންތައް ދިވެހިންގެ ކަންފަތުގައި ތާއަބަދަށް ހަރުލާފައި ހުންނާނެ ކަމާމެދު އެއްވެސް ޝައްކެތްނެތެވެ.
ޤައުމާއި ދީނުގެ ދިފާޢުގައި ޝަހީދުވެގެން އެކިތަންތަނަށް ވެއްޓިފައިވާ މަންޒަރާއި އެކިތަންތަނަށް ވަޒަން އަރައިގެން ފަރުވާއެއް ހޯދުމަށް އެކި ދިމަދިމާލަށް ދިވެހިން ދުވި މަންޒަރު ދުށް މީހުންގެ ހަނދާނުގައި މިހާރުވެސް އެމަންޒަރުތައް ބިންވަޅުނެގިފައި މިހާރުވެސް ހުންނާނެއެވެ.
ޝަބްނަމްގެ ތިކިތަކުން ޖަރީވެފައިވާ އެފަތިސް ބިރުވެރި ނާމާން ފަތިހަކަށް ބަދަލުވެގެން ދިޔަ ހިނދު ދިވެހި ސިފައިން ބަޑިތައް އުފުލާލީ މާތްވެގެންވާ އިސްލާމް ދީނާއި މިލޮބިވެތި ޤައުމާއި ރައްޔިތުންނަށް ނުރައްކާކުރަންފެށި ދުޝްމަނުންނާއި ދެކޮޅަށެވެ.
ޒަމާން ކިތަންމެ ބަދަލުވިޔަސް، އަދިވެސް އަޅުގަނޑުމެންނަށް މިފަދަ ބިރުވެރި، ހިތާމަވެރި ދުވަހެއް ނާންނާނޭ ބުނާކަށް ނުކެރޭނެއެވެ. އަޅުގަނޑުމެންގެ ތެރެއިން ހަނގުރާމަވެރި ހަތިޔާރު ހޯދުން ގިނަވެފައިވާ ދުވަސްވަރެއްގައި މިފަދަ ކަމަކަށް ވިސްނާ،ފިކުރު ކޮއްލުން ވަރަށް މުހިއްމެވެ. ޚާއްޞަކޮށް ސިޔާސީގޮތުން އަޅުގަނޑުމެންގެ މިލޮބުވެތި ޤައުމު ހަލަބޮލިވެފައިވާ މިދަނޑިވަޅުގައި އަމާޒުގެ ދުރުމި ދިމާކޮއްލި ކޮންމެ ދިމާލަކުން މިދަނީ ހަތިޔާރު ފެންނަމުންނެވެ.
އިންޑިއާ ކަނޑުގައިވާ މުތީތަކެއްފަދަ މި ދިވެހިރާއްޖެއަށް ކަޅިއަޅާ ކިތަންމެ ޤައުމެއް ދުނިޔޭގައިވާ އިރު، މީގެ ކުރިން އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ތެރެއަށް ޢާންމުވެފައިނުވާ ޒަމާނީ ހަތިޔާރު އަތްފޯރާފަށުގައި ހުރުމީ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލަށް ކިހާވަރެއްގެ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްބާއޭ މީ ހަމަގައިމުވެސް އަޅުގަނޑު ހިތުން ވިސްނާލުން މުހިއްމު ނުކުތާއެކެވެ.
ކޮންމެއަކަސް އަޅުގަނޑުމެންގެ ދުޢާ އަކީ މިލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމެވެ. މިނިވަންކަމުން އަޅުވެތިކަމަށް ދާން އެއްވެސް މީހަކު ބޭނުންނުވާނެކަން ޔަޤީނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް