މަނީ ޗޭންޖިންގ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން އެކަމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ހުޅުވާލައިފިއެވެ.
1987 އިން ފެށިގެން ރާއްޖޭގައި އަމަލުކުރަމުންދިޔަ "މަނީ ޗޭންޖިން ވިޔަފާރިއާއި ބެހޭ ގަވާއިދު" އަށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެމްއެމްއޭއިން ބަދަލު ގެނެސްފައިވާއިރު އެމްއެމްއޭއިން ބުނެފައިވަނީ ކުރީގެ ގަވާއިދު އުވިފައިވާއިރު އަލުން ލައިސަންސަށް އެދެން ޖެހޭ ކަމަށެވެ.
އެގޮތުން ހުޅުވާލާފައިވަނީ ދެ ބާވަތެއްގެ ލައިސަންސަށް އެދުމަށެވެ.
އެ ދެ ބާވަތަކީ
- ޓިއަރ އެކެއް: ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް
މި ލައިސަންސް ދޫކުރާނީ ކުންފުނީގެ ގާނޫނުގެ ދަށުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމަށް އުފައްދާފައިވާ ކުންފުނިތަކަށެވެ.
- ޓިއަރ ދޭއް: ބޭރު ފައިސާ ވިކުއްމުގެ ވިޔަފާރިކުރުމުގެ ލައިސަންސް
މި ލައިސަންސް ދޫކުރާނީ ރާއްޖޭގައި ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓް ރިސޯޓް ހިންގަން ހުއްދަ ނުވަތަ ލައިސަންސް ލިބިފައިވާ ކުންފުނިތަކަށެވެ.
ލައިސަންސަށް އެދި ހުޅުވާލާފައިވާ ފުރުސަތާއެކު އެމްއެމްއޭއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އާ ގަވާއިދަށް އަމަލުކުރަން ފެށިތާ ދެ މަސް ދުވަހުގެ ތެރޭގައި ލައިސަންސަށް އެދެންވާނެ ކަމަށާއި މި މުއްދަތުގެ ތެރޭގައި ކުރީގެ ލައިސަންސް ބޭނުންކުރެވުނު ނަމަވެސް އާ ނުކުރާނަމަ މި މުއްދަތު ހަމަވުމުން ކުރީގެ ލައިސަންސް ބާތިލުވާނެ ކަމަށެވެ.
އެމްއެމްއޭއިން ބުނެފައިވަނީ އެމްއެމްއޭގެ އެކްސްޓްރާނެޓް ޕޯޓަލް މެދުވެރިކޮށް ލައިސަންސަށް މިހާރު އެދެވޭނެ ކަމަށެވެ.
އެމްއެމްއޭގެ އެކްސްޓްރާނެޓް މަނީ ޗޭންޖަރ ލައިސަންސް ރަޖިސްޓްރޭޝަން ލިންކް:
https://extranet.mma.gov.mv/money-changers
އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ ކުރިން ދޫކޮށްފައިވާ ލައިސަންސްގެ އިތުރުން އަލަށް ލައިސަންސް ދޫކުރަން ހަމަޖެހިފައިވަނީ 50 ފަރާތަށްވުރެ އިތު ނުވާނެ ގޮތަކަކަށް ކަމަށާއި އަދަދު އިތުރުވާނަމަ އެ ފަރާތްތައް ކަނޑައަޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް