އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް އަބަދުވެސް، އަދިވެސް، ދެންވެސް އޮތް ހަމައެކަނި ހައްލަކީ މިނިވަން ދެ ދައުލަތެއްގެ ހައްލުކަމުގައި ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ.
އެގޮތުން ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން، ފައިނޭންޝަލް ޓައިމްސްގައި ލިޔުއްވާފައިވާ އޯޕެޑެއްގައި ވިދާޅުވެފައިވަނީ މިނިވަން ވަކި ދެ ދައުލަތެއް ގާއިމްކުރެވި އަވަށްޓެރި ދެ ގައުމެއްގެ ގޮތުގައި ހަމަޖެހިގެން އުޅެވެންޖެހޭ ކަމަށެވެ.
އެމަގަށް ކަންކަން ފަހިކުރަން މަސައްކަތްކުރައްވާނެކަން ހާމަކުރައްވައި އޭނާ ވިދާޅުވެފައިވަނީ ސައޫދީ އަރަބިއްޔާއިން މަސައްކަތްކުރާނީ އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ގެނެވޭނެހެން މިނިވަން ދެ ދައުލަތެއްގެ ހައްލު ގެނެވޭތޯ ކަމަށާއި އެކަން ހާސިލުނުވާހާ ހިނދަކު އިސްރޭލާއި ޚާރިޖީ ގުޅުން ސައޫދީ އަރަބިއްޔާއިން ނުބާއްވާނެ ކަމަށެވެ.
ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައިވާއިރު ހުއްޓުމެއްނެތި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް ދެމުން އަންނަތާ އަހަރެއްވާން މިހާރުވެސް ވަނީ ގާތްވެފައެވެ.
އެންމެ ފަހުގެ ނަމްބަރުތަކަށް ބަލައިލާއިރު މިއަދާއި ހަމައަށް އެ ހަމަލާތަކުގައި ޣައްޒާއިން 41،788 މީހަކު ވަނީ ޝަހީދުވެފައެވެ. ޒަޚަމްވި މީހުންގެ އަދަދު ވަނީ 96،794 އަށް އަރާފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ޝަހީދުވި މީހުންގެ އަދަދު އުޅެނީ 99 އިން މަތީގައެވެ. އަދި ހަމަ އެހެންމެ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޒަޚަމްވި މީހުންގެ އަދަދު އުޅެނީ 160 އިން މަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް