ރައްޔިތަކު ކަމަކު އައިސްފިނަމަ މާޔޫސްކޮށްނުލުމަށް ސީޕީ އިރުޝާދު ދެއްވައިފި

ރައްޔިތަކު ފުލުހުން ކައިރިއަށް ކަމަކު އައިސްފިނަމަ މާޔޫސްކޮށްނުލުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ފުލުހުންނަށް އިރުޝާދު ދެއްވައިފި އެވެ. ސީޕީ މިކަމަށް އިރުޝާދު ދެއްވީ ހދ. އަތޮޅަށް މިހާރު ކުރައްވ...

03 Oct 2024 | 06:43

ރައްޔިތަކު ފުލުހުން ކައިރިއަށް ކަމަކު އައިސްފިނަމަ މާޔޫސްކޮށްނުލުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ފުލުހުންނަށް އިރުޝާދު ދެއްވައިފި އެވެ.

ސީޕީ މިކަމަށް އިރުޝާދު ދެއްވީ ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވާ އެ ރަށްރަށުގައި ގާއިމުވެތިބޭ ފުލުހުންނާ ބައްދަލުކުރައްވާ ދެއްވި މެސެޖުގައެވެ.

ފުލުހުން ބުނެފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ހއ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވައިފައެވެ. މި ޒިޔާރަތުގައި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އަދި އެރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރެއްވިކަމަށެވެ.

ފުލުހުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި ކޮމިޝަނަރ ވަނީ ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ކައިރިއަށް އައިސްފިނަމަ ރައްޔިތުން މާޔޫސްކޮށް ނުލެއްވުމަށް އިރުޝާދު ދެއްވިކަމަށާއި މީގެ އިތުރުން ރައްޔިތުންނާ ބައްދަލުވެ، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް އެދިލެއްވިކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ކޮމިޝަނަރ ޝުޖާއު ވަނީ ރަށްރަށުގެ ތަރައްގީގެ މަސައްކަތްތަކުގައި ފުލުހުންގެ ދައުރު މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ. މި ދަތުރުފުޅަކީ ހއ. އަތޮޅުގެ އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވާއިރު، މީގެ ކުރިން ދިއްދޫއާއި ކެލާއަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. މިއަދު ހއ. އަތޮޅުގެ އިތުރު ރަށްރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ރަށްރަށުގެ ކުށުގެ ހާލަތާއި ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުންކަމުގައި ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް