އެމްޑީޕީއިން ތާއިދު ކުރާ ނިޒާމެއް ކަނޑައަޅަން މިރޭ ޖަލްސާއެއް ބާއްވަނީ

އެމްޑީޕީއިން ތާއިދު ކުރާ ނިޒާމެއް ކަނޑައެޅުމަށްޓަކައި މިރޭ ޖަލްސާއެއް ބާއްވަން އެ ޕާޓީން ނިންމައިފިއެވެ. ‏އެމްޑީޕީއިން ބުނީ، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި...

03 Oct 2023 | 13:29

އެމްޑީޕީއިން ތާއިދު ކުރާ ނިޒާމެއް ކަނޑައެޅުމަށްޓަކައި މިރޭ ޖަލްސާއެއް ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.

‏އެމްޑީޕީއިން ބުނީ، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި އެމްޑީޕީ އިން ތާއީދުކުރާނެ ނިޒާމެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބާއްވާ ޤައުމީ މަޖިލިސް މިރޭ 8:30 ގައި އިމާދުއްދީން ސްކޫލުގައި ބޮނޑިބަތާއެކު އޮންނާނެ ކަމަށެވެ.

މި ޖަލްސާގައި ގައުމީ މަޖިލިސް ގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެެރިވެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީއިން މައުލޫމާތު ދިނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފަރާތުން އިބްރާހިމް ވަހީދު “ދުވަސް” އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ވިދާޅުވީ، އެފަދަ ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ބައްދަލުވުން ބާއްވަން ރާވާފައި ވަނީ މިއަދު ކަމަށެވެ.

ބަރުލަމާނީއަށް ތާއިދު ކުރާމަތިން، އެމްޑީޕީއާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ބޭނުންވި ނަމަވެސް، އެކަމާ އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުން ދެކޮޅު ހައްދަވާފައި ވާހަކަށް “ދުވަސް” އަށް މައުލޫމާތު ލިބެއެވެ.

ނަޝީދު ވިދާޅުވެފައި ވަނީ، އެމްޑީޕީ ގައުމީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މީހުންގެ ތާއިދު  އޮތް ނަމަ، އަލުން އެމްޑީޕީއާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށެވެ

ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވެވި މެސެޖެއްގައެވެ. ނަޝީދުގެ އެ މެސެޖާއެކު ފައްޔާޒު ވަނީ، އެކަން އެމްޑީޕީގެ ގައުމީ މަޖިލީހާ ހިއްސާ ކުރައްވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި މެމްބަރުން ހިއްސާކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު، އަލުން ނަޝީދުއަށް މަރުހަބާ ކިޔަން ބޭނުން ނޫންކަން ހާމަވެއެވެ.

އެ ވާހަކަތަކާ އެއްބައިވަމުން ފައްޔާޒު ވިދާޅުވެފައި ވަނީ، ޑިމޮކްރަސީއާ އެއްގޮތަށް ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސްއަކު އިންތިހާބު ވެފައި ވާކަމަށެވެ. އަދި އެއީ ރައްޔިތުންގެ ނިންމުން ކަމަށެވެ.

“އެމްޑީޕީ ވެގެން ނުވާނެ ރައްޔިތުންގެ ނިންމުން އަނބުރާލާ ބަޔަކަށް” ފައްޔާޒު ވިދާޅުވިއެވެ.

ރައްޔިތުން ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކޮށްފައިވާކަން ފާހަގަ ކުރައްވައި ފައްޔާޒު ވިދާޅުވީ، މުއިއްޒުއަށްވެސް ފުރުސަތު ލިބެން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީއިން ބަރުލަމާނީއަށް ތާއީދު ނުކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް