އެއްވެސް ކަމަކަށް ޑިމޮކްރެޓްސް އާއެކު އެއްބަސްވެފައެއް ނޯންނާނެ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީއާއެކު އެއްވެސް ކަމަކަށް އެއްބަސްވެފައި ނޯންނާނެ ކަމަށް އެމްޑީޕިން ބުނެފިއެވެ. އެމްޑީޕީން ބުނީ، ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުމަކީ ...

03 Oct 2023 | 09:17

ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީއާއެކު އެއްވެސް ކަމަކަށް އެއްބަސްވެފައި ނޯންނާނެ ކަމަށް އެމްޑީޕިން ބުނެފިއެވެ.

އެމްޑީޕީން ބުނީ، ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުމަކީ 30 ސެޕްޓެމްބަރުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ޑިމޮކްރެޓްސްއިން ތާއީދުކުރާނެ ކަމަށެވެ. ނަމަވެސް އެ ހުށަހެޅުމަށް އެމްޑީޕީއިން ގަބޫލުކުރެވެން ނެތް ކަމަށް ދި ޑިމޮކްރެޓްސްއަށް އަންގާފައި ވާނެ ކަމަށް އެމްޑީޕީއިން ބުންޏެވެ..

"މީގެ އިތުރުން އެއްވެސް ކަމަކަށް މި ޕާޓީއާ ދި ޑިމޮކްރެޓްސްއާ ދެމެދު އެއްބަސްވެފައިނުވާނެ" އެމްޑީޕީއިން ބުންޏެވެ.

މީގެ އިތުރުން އެމްޑީޕީއިން ބުނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ޑިމޮކްރެޓްސްއިން ނިންމި ނިންމުމަކީ އެމްޑީޕީއާއެކު އެއްވެސް އެއްބަސްވުމެއްގެ ދަށުން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ގައުމީ ގަޖިލީހުގައި ނިޒާމާ ގުޅޭ ވޯޓަސް މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނީ މިއަދުއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފަރާތުން އިބްރާހިމް ވަހީދު “ދުވަސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެފަދަ ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ބައްދަލުވުން ބާއްވަން ރާވާފައި ވަނީ މިއަދު ކަމަށެވެ.

ބަރުލަމާނީއަށް ތާއިދު ކުރާމަތިން، އެމްޑީޕީއާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ބޭނުންވި ނަމަވެސް، އެކަމާ އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުން ދެކޮޅު ހައްދަވާފައި ވާހަކަށް “ދުވަސް” އަށް މައުލޫމާތު ލިބެއެވެ.

ނަޝީދު ވިދާޅުވެފައި ވަނީ، އެމްޑީޕީ ގައުމީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މީހުންގެ ތާއިދު  އޮތް ނަމަ، އަލުން އެމްޑީޕީއާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށެވެ

ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވެވި މެސެޖެއްގައެވެ. ނަޝީދުގެ އެ މެސެޖާއެކު ފައްޔާޒު ވަނީ، އެކަން އެމްޑީޕީގެ ގައުމީ މަޖިލީހާ ހިއްސާ ކުރައްވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި މެމްބަރުން ހިއްސާކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު، އަލުން ނަޝީދުއަށް މަރުހަބާ ކިޔަން ބޭނުން ނޫންކަން ހާމަވެއެވެ.

އެ ވާހަކަތަކާ އެއްބައިވަމުން ފައްޔާޒު ވިދާޅުވެފައި ވަނީ، ޑިމޮކްރަސީއާ އެއްގޮތަށް ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސްއަކު އިންތިހާބު ވެފައި ވާކަމަށެވެ. އަދި އެއީ ރައްޔިތުންގެ ނިންމުން ކަމަށެވެ.

“އެމްޑީޕީ ވެގެން ނުވާނެ ރައްޔިތުންގެ ނިންމުން އަނބުރާލާ ބަޔަކަށް” ފައްޔާޒު ވިދާޅުވިއެވެ.

ރައްޔިތުން ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކޮށްފައިވާކަން ފާހަގަ ކުރައްވައި ފައްޔާޒު ވިދާޅުވީ، މުއިއްޒުއަށްވެސް ފުރުސަތު ލިބެން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީއިން ބަރުލަމާނީއަށް ތާއީދު ނުކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް