އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދާނޭކަން ރޭގައި މުއިއްޒު ހާމަކުރައްވާފައިވެއެވެ.
ކާމިޔާބީގެ އުފާ ފާޅުކުރުމަށް ރޭގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. މުއިއްޒު ވިދާޅުވީ ނޮވެމްބަރު 17 ވަނަ ދުވަހު އާ ސަރުކާރެއް ފެށިގެންދާއިރު ތިބޭނީ ތައްޔާރަށް ކަމަށާއި މަސައްކަތް ފެށުމާއެކު ބާރު ސްޕީޑްގައި ސަރުކާރުގެ ކަންކަން ކުރިއަށްގެންދަވާނެ ކަމަށެވެ.
" ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ވެސް އަޅުގަނޑަށް ދެއްވާނެ ކަމަށް އުއްމީދުކުރަން. މާދަމާ މަޖިލީހުގެ ރައީސް އާއި ބައްދަލުކުރަން ފުރުޞަތެއް ލިބިފައި އެބައޮތް. އެ މަނިކުފާނަށް ވެސް އެވާހަކަ ދަންނަވާނަން." ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާއަށް އިންސާފު ހޯއްދަވައިދެއްވާނެކަމުގައިވެސް ޑރ. މުއިއްޒު ރޭގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އިއްޔެ ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ މަޖިލީހަށް ހުށަހަޅުއްވާނީ ފައިސާ ޗާޕު ކުރުމަށްޓަކައި ސަސްޕެންޑް ކުރި މާއްދާ އުވާލަން ކަމަށެވެ. އަދި ޑރ. މުއިއްޒުގެ ސަރުކާރެއްގައި ފައިސާ ޗާޕު ނުކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
މި ފަހުން އަމަލުކުރާ އާންމު އުސޫލުންނަމަ ޑރ. މުއިއްޒު އަދި އިންތިހާބީ ނައިބުރައީސް، ހުސެއިން މުހައްމަދު ލަތީފް މަގާމުގެ ހުވާކުރެއްވުން އޮންނާނީ 17 ނޮވެމްބަރުގައެވެ. އެހެން ނަމަވެސް އެ ދުވަސް 11 ނޮވެމްބަރަށް އަވަސްކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހް އިއްޔެ ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް