އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރައްވާނެކަން ހާމަކުރައްވައިފިއެވެ.
ޑރ. މުއިއްޒު މިކަން ހާމަކުރެއްވީ އިންތިހާބު ކާމިޔާބުވުމުން އުފާ ފާޅުކުރުމަށް ރޭގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަން ހާމަކުރެއްވުމުގެ ކުރިން މުއިއްޒު ވިދާޅުވީ ނޮވެމްބަރު 17 ވަނަ ދުވަހު އާ ސަރުކާރެއް ފެށިގެންދާއިރު ތިބޭނީ ތައްޔާރަށް ކަމަށާއި މަސައްކަތް ފެށުމާއެކު ބާރު ސްޕީޑްގައި ސަރުކާރުގެ ކަންކަން ކުރިއަށްގެންދަވާނެ ކަމަށެވެ.
" ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ވެސް އަޅުގަނޑަށް ދެއްވާނެ ކަމަށް އުއްމީދުކުރަން. މާދަމާ މަޖިލީހުގެ ރައީސް އާއި ބައްދަލުކުރަން ފުރުޞަތެއް ލިބިފައި އެބައޮތް. އެ މަނިކުފާނަށް ވެސް އެވާހަކަ ދަންނަވާނަން." ޑރ. މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން އިއްޔެ ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ މަޖިލީހަށް ހުށަހަޅުއްވާނީ ފައިސާ ޗާޕު ކުރުމަށްޓަކައި ސަސްޕެންޑް ކުރި މާއްދާ އުވާލަން ކަމަށެވެ. އަދި ޑރ. މުއިއްޒުގެ ސަރުކާރެއްގައި ފައިސާ ޗާޕު ނުކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
މި ފަހުން އަމަލުކުރާ އާންމު އުސޫލުންނަމަ ޑރ. މުއިއްޒު އަދި އިންތިހާބީ ނައިބުރައީސް، ހުސެއިން މުހައްމަދު ލަތީފް މަގާމުގެ ހުވާކުރެއްވުން އޮންނާނީ 17 ނޮވެމްބަރުގައެވެ. އެހެން ނަމަވެސް އެ ދުވަސް 11 ނޮވެމްބަރަށް އަވަސްކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހް އިއްޔެ ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް