ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ފަނަރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ސައިކަލާ ކައިރިވަމުންދިޔައިރު ސައިކަލް މަތީގައި އިނީ ރާއިދުކަން ނާޝިދަށް އިނގުނެވެ. "ރާއިދު ކޮންއިރަކު އައީ.... އަންގާވެސްނުލާ ... ދިޔަފަހުން ޚަބަރެއްވެސް ވީކީ ނޫން.... " ރާއިދ...

03 Oct 2023 | 02:34

ކުރީގެ އަދަދާއި ގުޅޭ...

ސައިކަލާ ކައިރިވަމުންދިޔައިރު ސައިކަލް މަތީގައި އިނީ ރާއިދުކަން ނާޝިދަށް އިނގުނެވެ.

"ރާއިދު ކޮންއިރަކު އައީ.... އަންގާވެސްނުލާ ... ދިޔަފަހުން ޚަބަރެއްވެސް ވީކީ ނޫން.... " ރާއިދުގެ ބުރަކަށީގައި ޖަހާލަމުން ނާޝިދު ބުނެލިއެވެ.

"އާން... މި ދެތިންދުވަހު ވަރަށް ބިޒީކޮށް އުޅުނީ... އެހެންވެ ނުގުޅުނީ... އެކަމަކު މިއަދު އަންނަވާހަކަ ބުނެލަންވެގެން ރޭގައި ނާޝިދުއާއި ގުޅިން... ފޯނު ނިއްވާލާފަ އޮތީ... ހެނދުނު މާލެ އައީ... ކުޑަކޮށް ނިދާލާފަ ނާޝިދު ނިމޭ ގަޑިއަށް ދިމާވެލަން މިއައީ.. " ސައިކަލުން ފައިބަމުން ރާއިދު ބުނެލިއެވެ.

"ހިނގާ ކޮފީއަކަށް ގޮސްލަން.... ވަރަށްގިނަ ވާހަކަތައް އެބަހުރި... " ސައިކަލް ދުއްވާލަމުން ނާޝިދު ބުނެލިއެވެ.

ނާޝިދާއި، ރާއިދު ގޮސްމަޑުކޮށްލީ ސޮލައިޓް ކުރިމައްޗަށެވެ. ސޮލައިޓްގެ 10 ވަނަ ފްލޯއަށް ދިއުމަށްފަހު ކޮފީއަކަށް އޯޑަރުކޮށްގެން ނާޝިދާއި ރާއިދު މަޑުކޮށްލިއެވެ.

"ކޮބާ ހުމޭ މިހާރު ކިހިނެތްތަ...؟ ހުމޭދާގެ ހާލު އޮޅުން ފިލުވުމުގެ ގޮތުން ރާއިދު ސުވާލުކޮށްލިއެވެ.

"އަދި ރަނގަޅެއް ނޫން... މިރޭ ރުޤުޔާ ފަށާވާހަކަ ބުނި... ވަރަށް ހާލުގަ އެމަންޖެ އެ އުޅެނީ އަދިވެސް... ރުޤުޔާ ފެށީމަ ދެން ނޭގެ ޚަބަރެއްވާނެ ކަމެއްވެސް... ފޯނެއްވެސް ނުގެންގުޅެވޭނެޔޯ... " ނާޝިދު ކަންބޮޑުވެ އިނދެ ވާހަކަތައް ކިޔައިދެމުންދިޔައެވެ.

"އެހެންވީމާ ދެން ކިހިނެތް ހަދާނީ... އެކަމަކު ވާނުވާ ބަލަންވާނެއެއްނު... " ރާއިދުވެސް ކަންބޮޑުވެފައި އަހާލިއެވެ.

"ހުމޭ ބުނި އެގޭގައި އުޅޭ ކޮންމެސް ކުއްޖަކާ ގުޅާށޯ.. އޭރުން ހުރިހާ ކަމެއް ސާފުވާނެޔޯ.... މަ ބުނިން ހުމޭއަށް ވާނުވާ ނޭގެންޏާ މަށަކަށް މިކޮޅަކު ނުހުރެވޭނެޔޭ.. މަ ދާނަމޭވެސް... " ނާޝިދު ވާހަކަ ދައްކަމުން ގެންދިޔައެވެ.

"ދެން ކިހިނެތް ހަދާނީ... ނާޝިދު އެކޮޅަށް ދާނީތަ.. ؟ ޗުއްޓީ ލިބޭނެތަ....؟ ރާއިދު އަހާލިއެވެ.

"އާން... ދެ ދުވަހަކަށް ޗުއްޓީއެއް ލިބޭނެހެން ހީވަނީ... ބޮސް މިހާރު ވަރަށް ކޫލް... ބުނެފިއްޔާ ޗުއްޓީ ދޭނެ.... "ހުމޭގެ ޚަބަރެއް ނުވަންޏަކާ މަށަކަށް ނުހުރެވޭނެ.... ރާއިދުއަށް އެންމެ ބޮޑަށް އެކަން އެނގޭނީވެސް.... އެންމެ ކުޑަދުވަހުން ފެށިގެން އަހަރެންގެ ހުރިހާ ކަމެއް އިނގޭ މީހަކީވެސް ތިއީނު...." ވިސްނަން އިނދެ ނާޝިދު ބުނެލިއެވެ.

"އިރާދަކުރެއްވީ ދެރަގޮތެއް ނުވާނެ.... އެވަރަށް ނުވިސްނާ.... އެރަށަށް ދާންޖެހިއްޖިއްޔާ ދާނީ... ނާޝިދު ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭން ރާއިދު އަބަދުވެސް ހުންނާނަން.... " ބިލަށް ފައިސާ ދައްކަމުން ރާއިދު ބުނެލިއެވެ.

"އިނގެޔޭ ތިކަން... ނުވިސްނާވޭތޯ ބަލަނީ... އެކަމަކު އެކަނިވެލާއިރަށް ހުމޭގެ ޚިޔާލުތައް އަހަރެން ވަށާލާ... މި ދެތިންރޭ ރަނގަޅަށް ނުވެސް ނިދޭ... ނިދޭ އިރަށް ހުވަފެނުންވެސް ފެންނަނީ... " ނާޝިދު ތެދުވަމުން ބުނެލިއެވެ.

ކޮފީ ނިންމާލުމަށްފަހު ރާއިދަށް ބޭނުންވާ ބައެއް ތަކެތި ގަނެލައިގެން ނާޝިދާއި، ރާއިދަށް ވިލިނގިއްޔަށް ދެވުނުއިރު ހުރީ އިރުއޮއްސެން ވަރަށް ކައިރިވެފައެވެ. ރާއިދު ގެއަށް ވަނުމުން ނާޝިދުވެސް ދިޔައީ ގެއަށެވެ.

"ދަރިފުޅު މިއަދު ހާދަލަހުން ގެއަށް ތިއައީ...؟ މާ މަސައްކަތް ބުރަ ދުވަހަކީތަ... ؟ ގޮސް މަޣުރިބު ނަމާދު ކޮށްލައިގެން ސައިބޯން އާދޭ..؟ ނާޝިދު ފެނުމުން ނާޝިދުގެ މަންމަ ސަމީރާ ބުނެލިއެވެ.

"ރާއިދު މާލެއައިމަ އޭނައާ އެކީ ކޮފީއެއް ބޯލަން ގޮއްސަމިއައީ.. އެހެންވެ ލަސްވީ... މިގަޑީގަ ސައިބޯހިތެއް ނެތް... ފަހުން ދެން ކާނީ.... " ކޮޓަރިއާއި ދިމާއަށް ހިނގައިގަންނަމުން ނާޝިދު ބުނެލިއެވެ.

ހުމޭދާ އިނީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައެވެ. ގޯތި ތެރޭގައި ގަސްގަހުގައި ފޮޅިފައިވާ މާމެލާ މެލިން މުޅިތަނުގައި ތަފާތު މީރުވަހެއް ފެތުރިފައިވެއެވެ. އެވަގުތު ހުމޭދާ ސިހިގެންދިޔައީ ގުލްޗަންޕާ ގަހުން ވާލެއް އުދުހިގެން ދިޔަ އަޑަށެވެ. ގަހާދިމާއަށް ހުމޭދާ ބަލާލިއެވެ. އޭރު ވާ އުދުހިގެން ގޮއްސިއެވެ. ފެންނާކަށް ނެތެވެ. އެވަގުތު ގޭގެ ދޮރާށި ހުޅުވުނުތަން ހުމޭއަށް ފެނުނެވެ. ނަމަވެސް ދޮރާށި ހުޅުވިފައި އިރުކޮޅެއްވީ އިރުވެސް އެއްވެސް މީހަކު އެތެރަށް ނުވަންނާތީ ގާދިރުބޭ އައިކަމަށް ހީކޮށް ހުމޭ ބޭރަށް ނުކުމެ ބަލާލިއިރު އެއްވެސް މީހަކު ފެންނަން ނެތުމުން ހުމޭދާ އެތެރަށް ވަންނަން އެބުރިލި ވަގުތު ހުމޭދާގެ ކަންފަތުގައި ޖެހުނީ ނާޝިދުގެ އަޑެވެ.

"އެންމެ ފަހުން ނުހުރެވިގެން ނާޝިދު މިއައީ... ބުނީމެއްނު އަންނާނަމޭ..... " ހުމޭދާގެ ކަންފަތް ކައިރީގައި މަޑުމަޑުން ނާޝިދު ބުނެލިއެވެ.

ކުއްލިއަކަށް ނާޝިދު ފެނުމުން ހުމޭދާ ދިޔައީ ސިހިގެންނެވެ. ނުފެނިހުރެފަ ނާޝިދު ފެނުނުއިރު ކުރިއަށްވުރެވެސް ނާޝިދު ފުރިހަމަ އެވެ.

"ކޮންއިރަކު އައީ ..... ބުނީމެއްނު އަންނާނެ ކަމެއްނެތޭ... އައިޝާ އަށް ގުޅާށޭ.. އޭރުން ހުރިހާ ކަމެއްވެސް އިނގޭނެއޭ...." ހުމޭދާ ބުނެލިއެވެ.

"މިހެން ވާހަކަ ދައްކާކަށް މިތާކު ނުތިބެވޭނެ... ހިނގާ މަޑުމަޑުން ހިނގަމުން ހިނގަމުން މިދިމާ އަތިރިމައްޗަށް ނިކުންނަން... " ނާޝިދު ހުމޭގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

"ނޫނޭ... ގާދިރުބޭ ބުނެފައޮތީ ބޭރަށް ނުދާން... މަންމަމެންވެސް ބުނެފަ އޮތީ ބޭރަށް ނުދާން... ކުޑައިރުޅަކު މިތާ މަޑުކޮށްލަމާ.... " ހުމޭދާ ހިޔާލެއް ދިނެވެ.

"މިތާ ކިހިނެތް ވާހަކަ ދައްކަން ތިބޭނީ... ހުމޭ އާއި ދުރުގައި ހުންނަން ނާޝިދަށް ކެތްނުވެގެން މިއައީ ހަމަ... ހުމޭ އާއި ވަކިން ނާޝިދަކަށް ނޫޅެވޭނެ.. ހިނގާބަލަ.. " އަނެއްކާވެސް ނާޝިދު ބުނެލިއެވެ.

"ގާދިރުބޭ ވެސް އަންނާނެ...... އެހެންވީމަ ކިހިނެތް ބޭރަށްދާނީ... " ހުމޭދާ ބުނެލިއެވެ.

"އެކަމަކު ކިހިނެތް މިތާ ތިބޭނީ... ގޮސްލާފައި އަވަހަށް އަންނާނީ.... " ނާޝިދާ ހުމޭދާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ބުނިއެވެ.

ހޫމޭދާވެސް ބޭނުންވީ ނާޝިދާއެކީ ދިއުމަށް ކަމުގައިވާތީ ހިނގައިގަތެވެ. މަޑުމަޑުން ހިނގަމުންގޮސް އަތިރިމައްޗަށް ނިކުމެ އެތާނގައި އޮތް ރުއްގުޅިއެއްގެ މަތީގައި ދެމީހުން އިށީނދެލިއެވެ.

"ނާޝިދު އަބަދުވެސް ހުމޭއާއެކު ހުންނާނަން.... ހުމޭއާނުލާ ނާޝިދަކަށް ނޫޅެވޭނެއޭ ނާޝިދު އަބަދުވެސް ބުނަމެއްނު..." ހުމޭދާގެ އަތުގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.

"އިނގެޔޭ ތިކަން... ނާޝިދުއާއި ނުލާ ހުމޭއަކަށްވެސް ނޫޅެވޭނެއޭ. ނާޝިދަށް އިނގޭތަ.. ހުމޭއަށް އެއްރޭވެސް ނުނިދެ. ނިދާއިރަށް ހުވަފެނުންވެސް ފެންނަނީ ނާޝިދު.. ނާޝިދާނުލާ ހުމޭއަށް ދިރިއުޅެން ވަރަށް ދަތި... " ނާޝިދުގެ ކޮނޑުގައި ބޯއަޅާލަމުން ހުމޭދާ ބުނެލިއެވެ.

"ހުމޭ....! ނާޝިދު ދޫކޮށްނުލައްޗޭ... ދުވަހަކުވެސް ދޫކޮށްނުލައްޗޭ... އެދުވަހެއް އަތުވެއްޖިއްޔާ ނާޝިދަށް ޖެހޭނީ މިދުނިޔެއާއި ވަކިވެގެން ދާން... " ހުމޭދާގެ ކޮނޑުގައި ހިފާ ނާޝިދާ ކައިރިކޮށްލަމުން ނާޝިދު ބުނެލިއެވެ.

"ހިނގާ ގެއަށްދާން... މިހާރު މަންމަ ލަސްވެގެން އުޅޭނެ.. ގާދިރުބޭ ވެސް އަންނަން އުޅޭނެކަންނޭގެ... ގޭގައި ނެތްކަން މަންމަ އަށް އިނގިއްޖެއްޔާ މަންމަ ވަރަށް ރުޅި އަންނާނެ... " ހުމޭދާ ތެދުވަމުން ބުނެލިއެވެ.

"ނާޝިދު ބޭނުން   އަބަދުވެސް ހުމޭއާއެކީ ހުންނަން... މާދަމާރޭވެސް މިގަޑީގަ ހުމޭ ބަލާދާނަން އިނގޭ.. މިތަނަށް އަންނާނީ... ހުމޭ އާއި ބައްދަލުނުކޮށް ނުހުރެވޭނެތީ މިއައީވެސް..." ހިނގައިގަންނަމުން ނާޝިދު ބުނެލިއެވެ.

"ނާޝިދު މަޑުކުރޭ..... ގޭ ކައިރިއަށް ދަނިކޮށް މީހަކަށް ފެނިދާނެ.." ހުމޭދާ ކުރިއަށްދަމުން ބުނެލިއެވެ.

ހުމޭދާގޮސް ގޭތެއަށް ވަންނަންދެން ނާޝިދު ބަލަހައްޓައިގެން ހުއްޓެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 05 އޮކްޓޯބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް